ފަސް އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު އެކަކަށް ރައީސް ކަމުގެ މަގާމު ނުފުރޭނެ ކަމަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކުރެއްވުމަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އަދި ޑީއާރުޕީގެ ޒައީމަށް ކުރިމަތިލެވޭ ގޮތަށް ފާސްކޮށްފައިވާ ފާސްކުރުމެއް ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު، ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ޑީއާރުޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވައި، އެ އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ރައީސް ކަމަށް ކުރިމަތިލުމާ ބެހޭ ގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކަންތައްތަކެއް ވަނީ ފާސްކޮށްދެއްވައިފައި. އެ ފާސްކޮށްދެއްވި ފާސްކޮށްދެއްވުމަކީ އެއްވެސް ޝައްކެތް، އޮޅުމެއް ނެތް ގޮތުގައި، މި އަހަރު މި ބޭއްވޭ ރިޔާސީ އިންތިހާބަށް (އަޅުގަނޑަށް) ކުރިމަތިލެވޭ ގޮތަށް ފާސްކުރެއްވި ފާސްކުރެއްވުމެއް. ބަޔަކު މީހުން އޮޅުވާލަން އުޅުނަސް އެއީކީ އޮޅުވާލެވޭނެ އެއްޗެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ. "ހަގީގަތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން އެ ފާސްކުރެއްވި ފާސްކުރެއްވުމަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ މެމްބަރުން ހުށަހަޅުއްވައިގެން ދިވެހި ރައްޔިތުންގެ ޕާޓީގެ މެމްބަރުން ވޯޓު ދެއްވައިގެން ފާސްވި ފާސްވުމެއް. މި ފާސްވުމަކަށް އެހެން އެއްވެސް ޕާޓީއެއްގެ މެމްބަރަކު ވޯޓު ދެއްވައިފައެއް ނެތް. އެހެންވީމަ އެއިން އެނގޭ އެއްޗަކީ މި ފާސްވި ފާސްވުން މި އޮތީ ދިވެހި ރައްޔިތުންގެ ޕާޓީން ބޭނުންވާ ގޮތަށްކަން. އެގޮތަކީ ތިޔަ ބޭފުޅުން ނިންމަވައިފައިވާ ގޮތުގެ މަތިން ކުރިއަށް އޮތް ރިޔާސީ ދައުރުގައި އަޅުގަނޑަށް ވާދަކުރެވޭ ގޮތްވުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޑީއާރުޕީގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހއ. ހޯރަފުށީގައި އެމަނިކުފާނަށް ވަޅިން މީހަކު ހަމަލަދިނުން ފަދަ ހާދިސާތައް ހިނގަމުން ދަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތްކުރާތީ ކަމަށެވެ. އަދި ސަރުކާރާ ދޭތެރޭ މީހުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކަންތައްތައް ކުރާ ބަޔަކު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
"މިކަހަލަ މާހައުލެއް ރާއްޖޭގައި ގާއިމްކުރާ ބަޔަކު މިފަދަ ކަންތަކަށް މަގުފަހިކުރުމަށް ތަފާތު ގޮތްގޮތުން ވާހަކަ ދައްކައި މީހުންގެ ސިކުނޑިއާ ކުޅެލާ ބަޔަކު މިކަމުގައި ޒިންމާވާން ޖެހޭނެ. އެ ކަންތައްތައް އެބަޖެހޭ އަޅުގަނޑުމެން ބަލައި އެ ކަންތައްތައް ހުއްޓުވަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ހޯރަފުށީގައި އެ މަނިކުފާނަށް ވަޅިން ހަމަލަދިނުމަށް މަސައްކަތްކުރި މީހުން ގަސްދުކުރީ "އަޅުގަނޑުގެ އަޒުމް ފުނޑުފުނޑުކޮށްލަން" ކަމަށެވެ. އަދި ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު މި ހުރީ ސާބިތުކަންމަތީގައި. އަޅުގަނޑުގެ އަޒުމަކަށް އެއްވެސް އުނިކަމެއް ނާދޭ. އަދި އިރާދަކުރެއްވިއްޔާ ނުވެސް އަންނާނެ."
ޑީއާރުޕީގެ އާންމު ޖަލްސާ ރޭ ކުރިއަށް ގެންދިޔައިރު، ސަލާމަތީ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޖަލްސާއަށް ދިޔަ ހުރިހާ އެންމެން ވަކިވަކިން ސިކިއުރިޓީ ގޭޓުތަކުން، ސިފައިން ފާސްކޮށްފައިވެ އެވެ. އަދި އެގޮތަށް ފާސްކުރާތީ ޖަލްސާއަށް މީހުންނަށް ވަދެވުނީ ވެސް ދިގު ލައިނެއް ހަދައިގެންނެވެ.
ރޭގެ ޖަލްސާގެ ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައިވާތީ އާންމުން އުފުއްލަން ޖެހުނު ތަކުލީފަށްޓަކައި ރައީސް މައުމޫނު ވަނީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ އެމަނިކުފާނު އެއްގޮތަކަށް ވެސް ކުރައްވާ ހިތްޕުޅުވާ ކަމެއް ނޫން ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަކީ ރައްޔިތުންގެ ތެރެއިން އައިސްފައި ހުރި ރައްޔިތުންގެ މީހެއް. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނާ އެކީގައި ހުންނަން. ރައްޔިތުންނާ ބައްދަލުކުރަން، ވީހާ ގިނަ ބަޔަކާ ސަލާމްކޮށް، ވާހަކަ ދައްކައި ހަދަން. އެއީ އަޅުގަނޑު އަބަދުވެސް ބޭނުންވާ ގޮތަކީ. މިހާތަނާ ޖެހެންދެން ވެސް އަޅުގަނޑު ކަންތައް ކޮށްފައިވާނީ އެހެން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިނގައިދިޔަ ހާދިސާއަކުން_(ހޯރަފުށީގެ ހާދިސާ) އެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަދިވެސް ހުންނާނީ ރައްޔިތުންގެ ތެރޭގައި، ރައްޔިތުންނާ އެކީގައި. ރައްޔިތުންގެ ތެރެއިން ވީހާ ގިނަ ބަޔަކާ ބައްދަލުކޮށް، ސަލާމްކޮށް ވާހަކަ ދެއްކުމަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް، ވޭތުވެދިޔަ ދައުރެކޭ އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގެ އާންމު ޖަލްސާ: ހާއްސަ މަޖިލީހުން ފާސްކޮށްފައި ވަނީ އަޅުގަނޑަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ ގޮތަށް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ