އަބްދުﷲ ގާޒީ ދޫކޮށްލަން ޖެހޭ ކަން ސާފުކޮށް އެނގޭ: އައިސީޖޭ

ސިފައިންގެ ބަންދުގައި ބަހައްޓާފައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް އިންޓަނެޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައިސީޖޭ) އިން ގޮވާލައިފި އެވެ.ގާނޫނުގެ ތެރެއިން އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ކޮމިޝަނުން ރޭޑިއޯ އޮސްޓްރޭލިއާއާ ވާހަކަދައްކަމުން ބުނިގޮތުގައި އަބްދުﷲ ގާޒީ ދޫކޮށްލަން ޖެހޭ ކަން ސާފުކޮށް އެނގެން އެބައޮތެވެ.އައިސީޖޭގެ އޮސްޓްރޭލިއާ ބްރާންޗްގެ ރައީސް ޖޯން ޑައުޑް ވިދާޅުވީ އަބްދުﷲ ގާޒީ މަސައްކަތްކުރައްވަމުން ގެންދެވީ އޭނާ އަށް ލިބިވަޑައިގެންފައިވާ މިނިވަންކަމުގެ ތެރެއިން ކަމަށާއި ސަރުކާރުން އެކަމާ މެދު ހިތްހަމަނުޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ."އޭނާ [އަބްދުﷲ ގާޒީ] ގޯސްކޮށް ކަންތައް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނާ ވާހަކައަކީ ރަނގަޅު ވާހަކަތަކަކަށް ވިޔަސް، އޭނާ ހައްޔަރުކުރުމަށް ވެސް އަދި ބަންދުކޮށްގެން ގެންގުޅުމަކަށް ވެސް އެއިން އެއްވެސް ވާހަކައަކުން ހުއްދައެއް ނުލިބޭ. އަދި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭކަން ސާފުކޮށް އެނގޭ،" ޑައުޑް ވިދާޅުވެފައިވެ އެވެ.ސިފައިންގެ މަރުކަޒެއް ކަމަށްވާ ކ. ގިރިފުށީގައި އަބްދުﷲ ގާޒީ ބަންދުކޮށްފައި ހުންނަތާ 15 ދުވަސް ވެފައި ވާއިރު އދ އިން ވެސް ވަނީ އޭނާ މިނިވަންކުރުމަށް ގޮވާލާފަ އެވެ. އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ސްޕޯކްސްޕާސަން ރަވީނާ ޝަމްދަސާނީ ބޭރުގެ މީޑިއާގައި ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ އަސްކަރީ ބަންދުން މިނިވަންކުރުމަށް ނުވަތަ އޭނާގެ މައްޗަށް ދައުވާކުރުމަށް ގޮވާލައްވާ ކަމަށެވެ.އަބްދުﷲ ގާޒީ ދޫކޮށްލުމަށް ރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއަކުން ސިފައިންނަށް އަމުރުކޮށްފައިވީ ނަމަވެސް އެމްއެންޑީއެފުން އެ އަމުރުތަކަށް ބޯލަނބާފައެއް ނުވެ އެވެ. ސަރުކާރުން ބުނަމުންދަނީ ކޯޓުތައް މެދުވެރިކޮށް ގާޒީއާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އޭނާ ބަންދުކޮށްފައި ހުރީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށާއި ސިފައިންގެ ގާނޫނުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ