ޕޯޗުގަލް ކޯޗަކަށް އަލް ނަސްރުގެ ކޯޗު

ޕޯޗުގަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ރޮނާލްޑޯ އާއެކު ސައުދި ޕްރޯ ލީގު ކާމިޔާބުކުރި އަލް ނަސްރުގެ ކޯޗު ހޯހޭ ހެސުސް ހަމަޖައްސައިފިއެވެ.
އުމުރުން 71 އަހަރުގެ ހޯހޭ ހެސުސް އަކީ އޭނާގެ ކޯޗިން ކެރިއަރުގެ ބޮޑުބައި ޕޯޗުގަލްގައި ހޭދަކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. މީގެ ތެރޭގައި ބެންފީކާ އާއި ސްޕޯޓިން ލިޒްބަން ފަދަ މަޝްހޫރު ކްލަބުތަކަށް ކޯޗުކޮށްދިނުން ހިމެނެއެވެ.
ހެސުސް އެންމެ ފަހުން ހުރީ ސައުދީ އަރަބިއްޔާގެ އަލް-ނަސްރުގެ ކޯޗަކަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ނިމުނު ސީޒަންގެ ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން އެ ކްލަބުން ހޯދިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކުޅުނު 33 މެޗުގައި 29 ލަނޑު ޖަހާފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ހޯހޭ ހެސުސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނޭޝަންސް ލީގުގެ ގްރޫޕް 'ޑީ' ގައި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިން އާއި މޮރޮކޯއާ އަދި ޕޯޗުގަލް ގުޅިގެން ތިން ގައުމުގައެވެ.
2023-2024 ވަނަ އަހަރުގެ ސީޒަނުގައި ސައުދީގެ އަލް ހިލާލްއަށް ތިން ތަށި ހޯދައިދިން ހޯހޭ ހެސުސް ވަނީ، މީގެ ކުރިން ޕޯޗުގަލްގެ ބެންފީކާގެ ކޯޗުކަމުގައި ހުރި ދުވަސްވަރު 2010، 2014 އަދި 2015 ވަނަ އަހަރު އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ.
މީގެ އިތުރުން ބްރެޒިލްގެ ފްލެމެންގޯގައި ހޭދަކުރި އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ބްރެޒިލް ލީގާއި ކޮޕާ ލިބަޓަޑޯރެސް ހިމެނޭހެން ފަސް މުބާރާތެއްގެ ތަށި އެ ޓީމަށް ހޯދައިދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ