އަހަރެން ބާލަން ނިންމީ ކޯޗު: ކޯޓުއާ

ވޯލްޑް ކަޕް ކުއާޓަރ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި، ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބަދަލުކުރަން ނިންމީ ޓީމުގެ ކޯޗުކަމަށް ކޯޓުއާ ބުނެފިއެވެ.
ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކޯޓުއާ ބޭލިފަހުން ވަތް ލަނޑާއެކު ބެލްޖިއަމް 2-1 އިން ބަލިވުމާ ގުޅިގެން، އުމުރުން 34 އަހަރުގެ ކޯޓުއާ ވަނީ އޭނާގެ ބަދަލުގައި ކުޅެން އެރި ސެން ލަމެންސްއަށް ހިތްވަރު ދީފައެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ކުޅެން އެރި ލަމެންސް، ސްޕެއިންގެ ޕައު ކުބާސީ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައި ވެއްޓުނީ ގޯލު ކުރިމައްޗަށެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ސްޕެއިންގެ ބަދަލު ކުޅުންތެރިޔާ މިކޭލް މެރީނޯ ވަނީ 86 ވަނަ މިނެޓުގައި މެޗުން ސްޕެއިން މޮޅުވި ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޓުއާ ބުނީ ގޯލްކީޕަރަކަށް މިފަދަ ހާލަތެއް ކުރިމަތިވުމަކީ ކިހާ ދެރަ އިހުސާސެއް ކުރެވޭ ކަމެއްކަން އޭނާއަށް އެނގޭކަމަށާއި ލަމެންސްއަކީ ހުނަރުވެރި ކީޕަރެއްކަމަށެވެ. އަދި މި ތަޖުރިބާގެ ސަބަބުން ލަމެންސް އިތުރަށް ވަރުގަދަވާނެކަމަށެވެ.
ކޯޓުއާ ބުނި ގޮތުގައި އޭނާއަށް އަނިޔާވީ ދެވަނަ ހާފު ފެށުނުތަނާހެން ދުރުން ޖެހި ބޯޅައެއް ފޮނުވާލި ވަގުތުގައެވެ. "މަސްގަނޑަށް ތަދެއް އެރިކަން އިހުސާސްވި. އެކަމަކު އޭގެ ފަހުން ވެސް ބައެއް ބޯޅަތައް ދިފާއުކުރެވުނު، އެހެންވެ ހިތަށްއެރީ ކުރިއަށް ގެންދެވޭނެއޭ. ނަމަވެސް އަނެއްކާވެސް ދުރަށް ބޯޅައެއް ޖެހި ވަގުތު އެ ތަދު އިތުރަށް ބޮޑުވި."
އޭނާ ދަނޑުން ބޭލުމަށް ނިންމީ ޓީމުގެ މެނޭޖަރު ރޫޑީ ގާސިއާ ކަމަށްވެސް ކޯޓުއާ ބުންޏެވެ. "އަހަރެން ބޭނުންވީ ކުޅުން ކުރިއަށް ގެންދަން. އެކަމަކު ކޯޗު ބޭނުންވީ ސަތޭކަ އިންސައްތަ ފިޓް ކުޅުންތެރިއަކު ބަހައްޓަން. އެއީ ކޯޗުގެ ނިންމުން، އަދި އަހަރެން އެކަމާ އިހުތިރާމްކުރަން. އަހަރެން ބޭނުންވީ އިތުރު ފަސް މިނެޓު ނުވަތަ ދިހަ މިނެޓު ކުޅެވޭތޯ ބަލަން. ސަބަބަކީ ގޯލުގައި ހުރިއިރު އަހަންނަށް އުނދަގުލެއް ނުވޭ ބޯޅަތައް ހުއްޓުވާކަށް. އުނދަގޫވީ ހަމައެކަނި ދުރަށް ބޯޅަ ފޮނުވާލަން."
ޓޯމުގެ ކޯޗު ގާސިއާ ބުނީ ކޯޓުއާ ދަނޑުން ބާލަން ޖެހުމަކީ ބެލްޖިއަމަށް ލިބުނު ބޮޑު ނުތަނަވަސްކަމެއް ކަމަށެވެ.
"މެޗުގެ ތެރެއިން އޭނާ ގެއްލުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ދެރައެއް، ތިބައޫ ހުރީ ބޯޅަތައް ހުއްޓުވަން ތައްޔާރަށް. އެކަމަކު މިފަދަ ވަރުގަދަ ޓީމެއް ބަލިކުރުމަށް މިފަހަރު ނަސީބު އަހަރެމެންނާ އެކުގައެއް ނެތް." ގާސިއާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ