މާނޭ ރިޓަޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ޑަކާރު، ސެނެގާލް (ޖުލައި 11) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ސެނެގާލްގެ ކެޕްޓަންކަން ކުރި ތަރި ސަޑިއޯ މާނޭ ގައުމީ ޓީމުން ރިޓަޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ. 
އުމުރުން 34 އަަހަރުގެ މާނޭ، ވަނީ ސެނެގާލް ގައުމީ ޓީމަށް 130 މެޗު  ކުޅެދީފަ އެެވެ. އެ ގޮތުން، ސެނެގާލް ގައުމީ ޓީމަށް މާނޭ އެންމެ ފަހުން ކުޅުޖު މެޗަކީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ބެލްޖިއަމް އަތުން 3-2 އިން ސެނެގާލް ބަލިވި މެޗެވެ. 
ސެނެގާލަށް 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެދިން، މާނޭ ވަނީ މި ފަހަރުގެ އެފްރިކަން ކަޕްގައި ވެސް އެ ޓީމު ގޮވައިގެން ފައިނަލުގައި ކުޅެފަ އެވެ. މާނޭ، ސެނެގާލްގެ ގައުމީ ޓީމަށް ރިޓަޔާކުރި ކަމަށް އެފްރިކާގެ މީޑިއާތަކުން ރިޕޯޓްކުރުމުން، ޔޫރަޕްގެ ބައެއް މީޑިއާތަކުގައި ވެސް އެ ވާހަކަ ގެނެސްދީފައިވެ އެެވެ. 
އެކަމަކު، ސެނެގާލާއި އެފްރިކާ ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ، ފްރާންސްގެ ލެކިއުޕޭ ނޫހުން ރިޕޯޓްކުރާ ގޮުތުގައި، މާނޭ، ސެނެގާލުން ރިޓަޔާކުރިކަމަށް ދެކެވޭ ވާހަަކަތަކުގައި ހަގީގަތެއް ނެތެވެ. އަދި، މާނޭ އަންނަނީ ގައުމީ ޓީމު ކެރިއަރާ ގުޅޭގޮތުން، ނިންމުމެއް ނިންމަން ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 
މާނޭ ވަނީ ފާއިތުވި 14 އަހަރު ސެނެގާލް ގައުމީ ޓީމަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ ސެނެގާލް ގައުމީ ޓީމަށް މާނޭ މެޗެއް ކުޅެދިނީ، 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެ ޓީމަށް ކުޅެދިން މެޗުތަކުގައި ޖުމްލަ އެކު، 54 ލަނޑު ޖަހާފައިވެ އެެވެ.  ސެެނެގާލަށް އެންމެ ގިނަ ގޯލު ޖަހައިދިނުުމުގެ ރެކޯޑް އޮތީ ވެސް މާނޭ އަަތުގަ އެވެ. 
ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރަށް ކުޅެމުން އަންނަ މާނޭ، ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަށް ވާހަކަ ދެކެެވެން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި، ސެނެގާލް ޓީމުގެ ކޭމްޕް ތެރޭގައި ހިނގައިފައިވާ ގިނަ ކަންތައްތަކާ ގުޅިގެންނެވެ. އެ ގޮތުން، ސެނެގާލް ފުޓްބޯޅަ އެސޯސިއޭޝަންގެ ހަރަދުގައި ގިނަ ބަޔަކު، އެމެރިކާ އަށް ގޮސް، ކުޅުންތެރިންނަށް ނުލިބޭ އެތައް މަންފާއެއް ހޯދައި، ކުޅުންތެރިންނަށް އެކަށީގެންވާ ގޮތަށް ކަންކަން ފުރިހަމަނުވި ކަމުގެ ޝަކުވާ އަމާޒުވެފައިވާއިރު، ސެނެގާލްގެ ކޯޗު، ޕާޕޭ ތިއޯ އަށް ވެސް ހަ މަސް ދުވަހު މުސާެރަ ދީފައިނުވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ