އޮފްސައިޑް ނިންމުންތައް އިތުރަށް ހަރުދަނާކުރަން ކުޅުންތެރިންގެ ޑިޖިޓަލް ސިފަތަކެއް ހަދަން ފީފާއިން ނިންމައިފި ވޯލްޑްކަޕްގެ ފައިނަލް: މިރޭގެ މެޗު ނައިބު ރައީސް ބައްލަވާނީ އުފަން ރަށުގެ ރައްޔިތުންނާއެކު! ގަތަރަށް ވަޑައިގަތުމަށް، ރައީސް ޓިކެޓު ނަގާނީ އަމިއްލ

ފޯރިގަދަ ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އިން ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މުޅި މެޗުގައިވެސް މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރީ ސްޕެއިން އިންނެވެ. ހާއްސަކޮށް އެޓީމުގެ ޒުވާން ވިންގަރު ލަމީން ޔަމާލް އާއި ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ބެލްޖިއަމްގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. ނަމަވެސް، ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިންއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފަބިއަން ރުއީޒްއެވެ.
ސްޕެއިން އިން ލަނޑު ޖެހިތާ 11 މިނެޓް ތެރޭގައި ބެލްޖިއަމް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ބެލްޖިއަމްގެ ފޯވާޑް ޗާލްސް ޑި ކަޓަލާރާ ބޮލުން ފޮނުވާލި މި ހަމަލާއަކީ މި މުބާރާތުގައި ސްޕެއިން ކޮޅަށް ވަތް ފުރަތަމަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައިވެސް ސްޕެއިން އިން ދިޔައީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ މެދުތެރެއިން ބެލްޖިއަމްގެ ކީޕަރު ކޯޓުއާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ލެމަންސްއެވެ.
ސްޕެއިން މެޗުން މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ 90 މިނެޓް ހަމަވާން އުޅެނިކޮށް، ކީޕަރު ލެމަންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ސްޕެއިންގެ ކުޅުންތެރިއަކު ދުރުން ފޮނުވާލި ހަމަލާއެއް ކީޕަރު އަތުން ކަޓައިގެން ނިކުތް ވަގުތު، ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މިކެލް މަރީނޯއެވެ. މަރީނޯ ވަނީ ގަދަ 16 ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަހު ވަގުތު ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދީފައެވެ.
ސެމީ ފައިނަލްގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މޮރޮކޯ 2-0 އިން ބަލިކުރި ފްރާންސްއާއެވެ. މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ދަންވަރު 12:00 ޖަހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ