މިހިތް އެދޭތީ... 23
"ދަރިފުޅު ކައިރީ ކާކު އެވާހަކަ ބުނީ؟... ޔައިލް ބުނީތަ؟..." އާގިސާގެ ސުވާލުތައް ހުހެއް ނުވިއެވެ. އިޒީ ތެދުވެގެން ގޮސްފައި އެނބުރި އައީ ތަސްވީރުތަކެއް ހިފައިގެންނެވެ. ތަސްވީރުތައް އާގިސާގެ އަތަށް ދިނެވެ. ******** ފަހަރަކު ތަސްވީރެއް ބަލަމުން ދިޔައިރު އާގިސާގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވަމުން ދިޔައެވެ. އައިޝާ އާއި ޔައިލް އެކުގައި ނަގާފައިވާ ތަސްވީރުތައް އޭނާ ތަކުރާރުކޮށް ބެލިއެވެ. ހުދު އާގިސާއަށްވެސް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އައިޝާއަށް އިންސާފު ހޯދައިދޭން އާގިސާ އެދުވަހު ނުކުޅެދުނީ އަމިއްލަ ދަރިފުޅު ސަލާމަތް ކުރަން މަޖުބޫރުވުމުންނެވެ. އެހެނަސް، އެކަމުގެ ސަބަބުން އެހެން މަޔަކަށް އޭނާގެ ލޯބިވާ ދަރިފުޅު ގެއްލުނީއެވެ. އަމިއްލަ ދަރިފުޅު ސަލާމަތްވުމުގެ ހިތްހަމަޖެހުން ލިބުނަސް، އެދުވަހުގެ ފަހުން، އާގިސާއަށް ހަގީގީ އުފާވެރިކަމެއް ނުލިބެއެވެ. އާއިލާގެ އުފާވެރިކަން ގެއްލި، ދަރިފުޅުވެސް ދިޔައީ އޭނާ އާއި ދުރަށެވެ. "ދަރިފުޅު ތި ނިންމީ އެންމެ ރަނގަޅަށް..." އިރުކޮޅަކު ވިސްނަން އިނުމަށްފަހު، އާގިސާ ބުނެލިއެވެ. "ތި ކައިވެނިން ދަރިފުޅަށްވެސް، ޔައިލްއަށްވެސް، ޔައިލްގެ އާއިލާއަށް ވެސް ލިބޭނެ އުފަލެއް ނެތް... ޔައިލް ނޫނަސް، ދަރިފުޅަށް އިންނާނެ ރަނގަޅު ކުދިން ލިބޭނެ..." އިޒީ ރޮމުން އާގިސާގެ ގައިގައި ލައްވެލިއެވެ. އެހެން މީހެއްގެ ދުލުން ޔައިލް އާއި ދުރުވާން ބުނާ އަޑު އަހަން އެ ހިތަށް ކުޅަދާނައެއް ނުވިއެވެ. "ދެރަނުވޭ ދަރިފުޅާ..." އާގިސާ އިޒީގެ ބުރަކަށީގައި ފިރުމައިލިއެވެ. މަންމަގެ ގާތްކަން އިޒީ އެހާ ބޭނުންވި ވަގުތުކޮޅެއް އެނޫނީ ނާދެއެވެ. މައެއްގެ ރައްކާތެރިކަމަކީ ދުނިޔެއިން ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަން އެވަގުތުކޮޅުން އެކަނިވެސް އޭނާއަށް ކަށަވަރު ކުރެވުނެވެ. ދަރިފުޅުގެ ހިތާމައިގައި ބައިވެރިވަމުންދިޔަ އާގިސާއަށް އެދަރިފުޅުގެ ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އާގިސާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. ވެދިޔަ ކަންތަކުގައި އިޒީގެ ކުށެއް ނެތެވެ. ކުށް ކުރީ އާގިސާއެވެ. އެހެނަސް، އަދަބު ލިބުނީ ކުށެއް ނެތް އޭނާގެ ދަރިފުޅަށެވެ. "އެކަމަކު ބައްޕަ..." ވާހަކަ ދެއްކޭތޯ އިޒީ މަސައްކަތް ކުރިއެވެ. "ބައްޕަ އެހެން އެ ބުނީ ބައްޕައަށް ހަގީގަތް ނޭނގޭތީ... މަންމައަށް ޔަގީން، ދަރިފުޅަށް ދެރަވާ ގޮތަކަށް ބައްޕަ އެއްވެސް ނިންމުމެއް ނުނިންމާނެކަން... ހިތްވަރުކުރޭ ދަރިފުޅާ... މަންމަމެންވެސް އަދި މި ތިބީނު... މަންމަ ޔައިލްއާ ވެސް ވާހަކަ ދައްކާނަން..." އާގިސާ އިޒީއަށް ހިތްވަރު ދިނެވެ. ********** "ތީ ވަރަށް ބޮޑު އޮޅުވާލުމެއް..." ޔައިލްގެ ވާހަކަ އަޑުއަހަން އިން ފަރުހާދުގެ ކެތްތެރިކަން ކޮޅުންލިއެވެ. "މިހިސާބަށް ދިޔުމުގެ ކުރިން ތި ހަގީގަތް ހާމަކުރެވެންޖެހޭނެ... ކައިވެނި ކުރަން ރަންކިޔުމަކީ ކުޑަ ކަމެއް ނޫން... އެ ކައިވެންޏާ ހަމައަށް ދާން އަހަރެންގެ އިޒީ ނިންމާނީވެސް ވަރަށް ބޮޑު އުއްމީދަކާ އެކީ... އެއީ އެހެން ކުދިންނާ ތަފާތު ކުއްޖެއް... އެ ނިންމުން ނިންމަން އެކަނިވެސް، އެކުއްޖާ އެތައް ވިސްނުމެއް ވިސްނާނެ... މިއޮއް ހުރިހާ ދުވަހު އެކުއްޖާ އެ އުޅުނީ އެހެން މީހުންނާ އެކަހެރި ދިރިއުޅުމެއް.... އެ ހުރިހާ ކަމެއް ގުޅިފައިވީ ތި ހިތްދަތި މާޒީއާ... އެކީ އުޅުނީމަ، ޔައިލްއަށްވެސް އެނގޭނެ ކަންނޭނގެ މިހާރު އިޒީއަކީ ކޮން ކަހަލަ ކުއްޖެއް ކަން... ރަން ކީ އިރުވެސް އިންނަން އުޅުނު މީހާގެ ހަގީގަތް އިޒީއަކަށް ނޭނގުން އެއީ ކިހާ ބޮޑު މައްސަލައެއް... ޔައިލް ތިހުރީ އަދިވެސް އޭނައަށް ހަގީގަތް ސިއްރުކޮށްގެން... ވިސްނާލާ އިޒީއަށް ހަގީގަތް އެނގުނީމަ ވާނެ ގޮތް... އެހިތަށް ހާދަ އަސަރެއް ކުރާނެޔޭ..." ޔައިލް އިޒީގެ ހަޔާތަށް އައީ ބަދަލުހިފުމުގެ ރޫހެއްގައި ކަން އެނގުނު ހިސާބުން ފަރުހާދުގެ ވިސްނުން ބަދަލުވިއެވެ. ކައިވެނި ހުއްޓުވަން ބޭނުންވިއެވެ. ފަރުހާދަށް މުހިއްމީ އޭނާގެ ދަރިފުޅެވެ. އެ ކައިވެނިން އިޒީއަށް އުފަލެއް ލިބިދާނެ ކަމާއިމެދު ފަރުހާދަށް ޝައްކެވެ. އޭނާ އެންމެ ދެރަވީ އިޒީގެ ހިތަށް ކުރާނެ އަސަރާއި މެދުގައި ވިސްނުމުންނެވެ. މާޒީގެ ހިތްދަތިކަމުން އަރައިގަނެ، އުފާވެރި ދިރިއުޅުމެއް ހޯދުމަށް އިޒީ ފެށި ދަތުރު ނިންމައިލަން ޖެހުމުން، އެހިތަށް ފުން އަސަރުތަކެއް ކުރާނެކަން ފަރުހާދަށް އެނގެއެވެ. "ތިކަހަލަ ގުޅުމަކަށް އަހަންނަށް ރުހެވޭނީ ކިހިނެއް؟ އަހަރެންގެ ދަރިއެއްގެ ހަޔާތަށް ގޯސް ނިޔަތެއްގަ އައި މީހަކަށް އަހަންނަށް ތަރުހީބެއް ނުދެވޭނެ..." ފަރުހާދަށް ބޭރުކުރެވުނީ، ފިކުރުތަކުން ފުރި ބާރުވަމުންދިޔަ ސިކުނޑީގައިވާ ހައިޖާނުގަނޑުން ކުޑަ މިންވަރެކެވެ. ކުށްވެރިއެއްހެން އިސްޖަހައިގެން ޔައިލް އިނެވެ. ފަރުހާދު ބުނީ ތެދެކެވެ. ކުށްވެރިއަކީ ޔައިލްއެވެ. ކަންތައް ކުރެވުނުގޮތުން ހުދު ޔައިލްވެސް މިއަދު އަމިއްލަ ނަފުސުދެކެ ރުޅި އާދެއެވެ. ވީއިރު އިޒީގެ އާއިލާ ވެސް ޔައިލްދެކެ ރުޅި އައުން ހައްގެވެ. "އަހަރެން ޔައިލްއާ ކުރަން ބޭނުންވަނީ އެންމެ ސުވާލެއް..." މާޔޫސްވެފައި އިން ޔައިލްގެ މޫނަށް ބަލަން އިން ފަރުހާދު ޔަގީންކުރަން ބޭނުންވީ އެންމެ ކަމެކެވެ. "ޔައިލް ތިބުނީ އިޒީގެ ދިރިއުޅުމަށް އައީ ބަދަލުހިފާށޭ... ދެން އެ ވިސްނުން ހުރިއިރު ކައިވެންޏާ ހަމައަށް ދިޔައީ ކީއްވެ؟.. އެވެސް ޔައިލްގެ ރޭވުމެއްތަ؟..." "ނޫން، ނޫން... ކައިވެންޏާ ހަމައަށް ދިޔައީ އިޒީދެކެ ލޯބިވާތީ... ހަގީގަތް ހާމަކުރަން ނުކެރުނީ އިޒީ ގެއްލިދާނެތީ..." ޔައިލްގެ އަޑުގައި އޮޅުވާލުމެއް ނެތެވެ. އެކަމަށް އޭނާގެ ދެލޯ ހެކިދިނެވެ. ޔައިލްގެ މޫނަށް ބަލަން ފަރުހާދު އިރުކޮޅަކު އިނެވެ. އެ މޫނުން އޭނާއަށް ފެނުނީ ކުރެވިފައިވާ ކަންތަކާއިމެދު ހިތާމަކުރާ ތަނެވެ. މާޒީގައި ކަންތައް ވެފައި އޮތްގޮތުން، ޔައިލްއަށް ގޯސް ފިޔަވަޅެއް އެޅިދާނެކަމަށް ފަރުހާދުގެ ހިތުގެ ކަނަކުން ބުންޏެވެ. އާއިލާ މެންބަރަކު ގެއްލުމަކީ ޔަގީނުންވެސް ހިތަށް ފުން އަސަރެއް ކުރުވާނެ ކަމެކެވެ. ފަރުހާދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޔައިލްގެ މަޖުބޫރީ ހާލަތާއިމެދު ވިސްނުނެވެ. ކުރިން އައިސްފައިވާ ރުޅި ފިނިވިޔަސް، އިޒީއަށް ވާނެގޮތާއިމެދު ވިސްނުމުން، އަނެއްކާވެސް ފަރުހާދުގެ ލޭ ކެކިގަތެވެ. "އެދުވަހު ވީ އެއްވެސް ކަމެއްގަ އިޒީގެ ކުށެއް ނެތް... ދުނިޔޭގަ ހުއްޓަސް، ކާމިޔާބު ދިރިއުޅުމެއް ލިބިފައިވިޔަސް، އެކުއްޖާ ތަހަންމަލް ކުރަމުންދާ ވޭން ޔައިލްއަށް ނޭނގި އޮވެދާނެ... އިޒީއަށް ހަމަނިދި ނުނިދޭތާ އެތައް އަހަރެއްވެއްޖެ... އެ ހަނދާނުގަ ހުރީ، މާޒީގެ ބިރުވެރި ހާދިސާގެ ކުޑަ މިންވަރެއް... ތި އާއިލާއަށް ހީވެދާނެ، ގެއްލުން ލިބުނީ ހަމައެކަނި ތި އާއިލާއަށޭ.... އެހެންވިއްޔާ، ތި ހީކުރަނީ ރަނގަޅަކަށް ނޫން.... ވެދިޔަ ކަންތަކުގަ މާފަށް އެދެން އަހަރެމެން މިތިބީ ތައްޔާރަށް... އެކަމަކު، އަހަރެންގެ ދަރިއަށް ގެއްލުމެއް ދޭން ކުޑަކޮށްވެސް ހިތަށް ނާރުވާތި..." ފަރުހާދު ތެދުވިއެވެ. ޔައިލް ބިރުން އުޅުނު ކަންތައް ވީއެވެ. ފަރުހާދު ނުކުމެގެން ދިޔައީ، އޭނާ ބަލަން އިންދައެވެ. ކައިވެނީގައި ކުލަ ޖެހެމުން ދަނިކޮށް، އެ ކުލަތައް ގެއްލެން އުޅޭކަމުގެ ބިރާއި ކުރިމަތިލާން ޖެހުނީއެވެ. ކައިވެނީގެ ކުރިން އެ ދުވަސް އަންނާނެކަން ޔައިލްއަށް އެނގެއެވެ. އެހެނަސް، އެކަމާއި ކުރިމަތިލާން އޭނާ އަދިވެސް ތައްޔާރެއް ނޫނެވެ. ޔައިލް އެންމެ ދެރަވީ، އިޒީގެ ހާލަތު އެނގުމުންނެވެ. އެ ހާދިސާގެ ސަބަބުން، ހަމަނިދި ނުލިބި އެހާ ދުވަހު އިޒީ ކެތްކުރީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އޭނާގެ ސަބަބުން، އިޒީގެ ދިރިއުޅުން އިތުރު ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނީއެވެ. ********* ފަރުހާދު ގެއަށް ވަންއިރު، ގޭތެރެ އޮތީ ފަޅުކޮށެވެ. ކުޑަވެސް އަލިކަމެއް ނެތެވެ. ލިބުނު ހިތާމައިގައި މުޅި ގެވެސް ޝާމިލުވާ ކަހަލައެވެ. އާގިސާމެން ތިބީ ކޮޓަރީގައެވެ. އިޒީއަށް ނިދިފައި އޮތްއިރު، ކައިރީގައި އާގިސާ އިނެވެ. ފަރުހާދު ދޮރު ހުޅުވައިލި ތަން ފެނުމުން، އާގިސާ އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އޭނާ އަތުގެ އިޝާރާތުން ކޮޓަރިއަށް ނުވަނުމަށް އެންގިއެވެ. ފަރުހާދުގެ ފަހަތުން ސިޓިންގްރޫމަށް ނުކުތްއިރުވެސް އާގިސާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް ހިއްސާކުރަންޖެހޭ ވާހަކަ ބުނަން ކެތްމަދުވެފައެވެ. "ވަރަށް ދެރަގޮތެއް މިވަނީ..." އާގިސާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. "ނަސީބެއް އަވަހަށް މާލެ އާދެވުނުކަން... ވަރަށް އިރު ރޮއެފަ އިޒީއަށް އެ ނިދުނީ..." "އާގިސާ..." ފަރުހާދު ހުރީ އާގިސާގެ ވާހަކައަށް ވިސްނޭ ވަރަށްވުރެ ހާސްވެފައެވެ. "އިޒީ ކައިވެންޏަށް ދެކޮޅުހެދީ ކީއްވެކަން އެނގޭތަ؟... ޔައިލް އެއީ އަހަރެމެން ހީކުރި ކަހަލަ މީހަކަށް ނުވިއޭ..." ފަރުހާދު ގޮވައިލި ނަމަވެސް އެ އަޑު އާގިސާއަކަށް ނީވުނެވެ. އާގިސާ ހީކުރީ ފަރުހާދުގެ މޫނުން ހައިރާންކަން ފެންނާނެ ކަމަށެވެ. އެހެނެއް ނުވިއެވެ. ފަރުހާދު އެއްޗެއް ނުބުނެ އިސްޖަހައިގެން އިނީއެވެ. "ފަރުހާދަށް އެނގޭތަ؟..." އާގިސާ ހައިރާންވެފައި ސުވާލުކުރިއެވެ. ފަރުހާދު މަޑުމަޑުން ބޯ ޖަހައިލިއެވެ. "އަހަރެން މިއައީ ޔައިލްއާ ބައްދަލުކޮށްފަ..." ފަރުހާދު ތަފްސީލް ދިނެވެ. އާގިސާއަށް އެއްޗެއް ނުބުނެވިފައި އިރުކޮޅަކު އިނދެވުނެވެ. "ޔައިލް ކީކޭ ބުނީ؟..." އާގިސާ ބޭނުންވީ ޔަގީންކުރާށެވެ. "ކީކޭ އޭނަ ބުނާނީ... ކުރި ކަންތަކަށް އިއުތިރާފުވީ..." ފަރުހާދު ނިތްކުރީގައި އަތް ހިންގައިލިއެވެ. "އާގިސާއަށް އެނގުނީ ކިހިނެއް؟..." "އެއްކަލަ ދުވަހު މީހަކު ގެނައެއްނު ސިޓީއުރައެއް.... އޭގަ ހުރީ ފޮޓޯތަކެއް... އިޒީ ދެއްކީމަ އަހަންނަށްވެސް މި އެނގުނީ..." އާގިސާ ތަފްސީލް ދިނެވެ. "ޔައިލް އެއްބަސްވީ ކީއްވެ؟..." "ކައިވެނީގެ ކުރިން ހަގީގަތް ހާމަކުރަން ބޭނުންވީޔޯ... އެކަމަކު، އިޒީގެ ކައިރީގަ އެ ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނޯ... އިޒީ ގެއްލޭކަށް ބޭނުމެއް ނުވެޔޯ..." ފަރުހާދު ކިޔައިދިނެވެ. "އަހަރެން ބޭނުން ޔައިލްއާ ބައްދަލުކުރަން..." ދެވަނަ ވިސްނުމަކަށް ނުގޮސް، އާގިސާ ބުނެލިއެވެ. "އިޒީ ހާދަ ދެރަވެފައޭ ހުރީ.... މިހިސާބަށް ދިޔުމުގެ ކުރިން ހަގީގަތް ހާމަކުރަންވާނެއެއްނު... ޔައިލްގެ ފަރާތުން ހަގީގަތް އެނގުނުނަމަ އެކުއްޖާ އެހާ ދެރަނުވީސް ކަންނޭނގެ..." ފަރުހާދު ކުޑަކޮށް ސިހިފައި އާގިސާގެ މޫނަށް ބަލައިލިއެވެ. އިޒީ ކައިވެންޏަށް ދެކޮޅުހެދީ ހަގީގަތް އެނގުމުން ހެއްޔެވެ؟ އެކަމަކު، އެ ހަގީގަތް އެމީހުންނަށް ހާމަނުކުރީ ކީއްވެ ހެއްޔެވެ؟ ހަގީގަތް ނުބަލައި، ދަރިފުޅުދެކެ ރުޅި އާދެވުނީތީ ފަރުހާދު ދެރަވިއެވެ. އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. ކުރިއެކޭ އެއްގޮތަށް މިއަދުވެސް އެ ދަރިފުޅު ދުރުކޮށްލެވުނީއެވެ. ޔަގީނުންވެސް އެއީ އިޒީއަށް އޭނާގެ މައިންބަފައިން އެންމެ މުހިއްމުވާނޭ ވަގުތުކޮޅެވެ. ******** ކައިވެނީގެ ދުވަސް އައިސް ޖެހުނުއިރު، އާމިނަތު އިނީ މާލޭގައެވެ. މަންމައަށް ހަގީގަތް ހާމަކުރާނޭ ހިތްވަރު ޔައިލްއަށް ނުލިބުނީ، އާމިނަތުގެ ހިތުގެ މައްސަލަ ހުންނާތީއެވެ. އެއްކޮޅުން ކައިވެނި ގޮސްފައިވާ ހިސާބެވެ. އަނެއްކޮޅުން އިޒީގެ ހަގީގަތެވެ. ވިސްނާ ވިސްނާ ޔައިލްގެ ސިކުނޑި ސުމަކަށް ދިޔައެވެ. "ކައިވެނިކުރާ ދުވަސް ޖެހުނުއިރުވެސް، މަންމައަށް އެކުއްޖާ ދައްކާނުލާން ދަރިފުޅު ތިއުޅެނީ ކީއްވެތަ؟..." އާމިނަތުގެ ކޮންމެ ދުވަހެއްގެ ޝަކުވާއަކީ އެއީއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ޔައިލްއަކަށް ނޭނގެއެވެ. އޭނާއަށް ގޮތެއް ނިންމަން އިޒީގެ ބަހެއް މުހިއްމެވެ. އެހެނަސް، އިޒީ އާއި ބައްދަލުކުރަން ޔައިލް ކުރި އެތައް މަސައްކަތެއް ނާކާމިޔާބުވީއެވެ. ޔައިލް ގޭގައި ހޭދަކުރާ ވަގުތު މަދުވިއެވެ. މޫނުމަތިން އުފާވެރިކަން ގެއްލި، ދިރުން ނެތް މަސްގަނޑެކޭ އެއްފަދަވިއެވެ. އާމިނަތަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އަމިއްލަ ދަރިފުޅުގެ ހާލާއިމެދު ކަންބޮޑުވެގެން އިޒީ އާއި ބައްދަލުކުރުމަށް އާމިނަތު އެގެއަށް ދިޔައެވެ. ގޭގެ ބެލް އަޅައިލުމުން، އާދައިގެމަތިން އާގިސާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި އާމިނަތު ފެނުމާއިއެކު އާގިސާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެތައް ދުވަހަކަށްފަހު، އާގިސާ ފެނުމުންވެސް އޭނާއަށް އެއީ ކާކުކަން ވަކިކުރަން އެނގުނެވެ. އާގިސާއަށް ހީވީ މާޒީ އިއާދަވެގެން އަނބުރާ އައި ހެންނެވެ. "އިޒީގެ މަންމަތަ؟..." އާމިނަތު ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. އާގިސާ އުނދަގޫ ގޮތަކަށް ބޯޖަހައިލުމުން، އާމިނަތު އެތެރެއަށް ވަނެވެ. އެ މޫނުގެ އަސަރުތައް ހުރިގޮތުން އާގިސާއަކީ ކާކުކަން ނޭނގޭ ކަން އޭނައަށް އެނގުނެވެ. "މީ ކާކު ކަން އެނގިއްޖެ ދޯ..." އާމިނަތުގެ އަޑުގައި ބީރަށްޓެހި ގޮތެއް ނެތެވެ. އާގިސާ ބޯ ޖަހައިލިއެވެ. އާމިނަތު އިށީނުމަށް ސޯފާ ދައްކާފައި، އޭނާ ގޮސް ވަނީ ބަދިގެއަށެވެ. ސިންކު ކައިރީގައި ހުރިއިރު، އާގިސާއަށް ވިސްނުނީ ދެން ހަދާނެ ގޮތަކާއި މެދުގައެވެ. އާމިނަތުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އާމިނަތުގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން އޭނާއަށް ހަގީގަތް ނޭނގޭކަން އާގިސާއަށް އެނގުނެވެ. އަނެއްކޮޅުން އެ ނާޒުކު ވަގުތުގައި އިޒީ ނުކުމެދާނެތީވެސް އާގިސާ ކަންބޮޑުވިއެވެ. "ކޮބާތަ އަހަރެންގެ ދަރިފުޅު ކައިވެނި ކުރަންއުޅޭ ކުއްޖާ؟... ގޭގަ އެބަ އުޅޭތަ؟..." އާގިސާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން އާމިނަތު ސުވާލުކޮށްލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ