ނޯތު ހާބަރުގެ ފެނާއި ކަރަންޓުގެ ޚިދުމަތް: ދޯނިފަހަރަށް ބޮޑު ފަސޭހައެއް

މާލޭގެ ނޯތު ހާބަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މުދަލާއި މީހުން އުފުލާ ބޯޓުފަހަރާއި އޮޑިދޯނިފަހަރުގެ މައި ހަބެވެ. މި ބަނދަރުގެ 'އޭ ޒޯން' ނުވަތަ ބޮޑުތަކުރުފާނު މަގަށް ވީ ފަރާތަކީ އަބަދުވެސް އުޅަނދުފަހަރުން ތޮއްޖެހިފައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ކަރަންޓު ސީދާ އެ ސަރަހައްދުން ލިބެން ނެތުމެވެ. ނަމަވެސް، ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިހާރު އެމްޕީއެލުން މިވަނީ މި ޒޯނުންވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.
މީގެކުރިން ބޮޑުތަކުރުފާނު މަގަށް ވީ ފަރާތުގައި އުޅަނދުފަހަރު އަޅާފައި އޮންނައިރު، ފެނާއި ކަރަންޓުގެ ޚިދުމަތް ހޯދުމަށް 'ބީ ޒޯން' ނުވަތަ 'އެކްސްޕްރެސް ޒޯން' އަށް ބޯޓު ކައިރިކުރަން ޖެހެއެވެ. ނޯތު ހާބަރުން އެތެރެ ތޮށްޓާއި، ހުޅަނގުން ހުރަސްތޮށި އޭރު މި ޚިދުމަތް ދެމުންދިއައީ ގާތްގަނޑަކަށް އެއްފަހަރާ 30 ބޯޓަށް ޚިދުމަތްތައް ދެވޭނެ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢާއެކު އެމްޕީއެލުން، އެމްޓީސީސީއާ ގުޅިގެން ދޯނިފަހަރުތަކަށް އެންމެ ފަސޭހަވާނެހެން މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރިއެވެ.
"އަޅުގަނޑުމެން މިތަން ފެށުނީއްސުރެ ބެލިން 'އޭ ޒޯނު'އިން ކަރަންޓާއި ފެނުގެ ޚިދުމަތް ދެވޭތޯ. އެކަމު މަގު ފުޅާކުރުމާއި އެކީގައި އަޅުގަނޑުމެންނަށް ފަސޭހަވި އެމްޓީސީސީއާ ގުޅިގެން އެ ޕްރޮޖެކްޓު ކުރިއަށްގެންދަން. މީގެ ކުރިން އަޅުގަނޑުމެން މި ޚިދުމަތް ދެމުންގެންދިޔައީ 'އެކްސްޕްރެސް' އަދި 'ސީ' ޒޯނުން. އެކަމު މިހާރު 'އޭ' ޒޯނުން ބޮޑުތަކުރުފާނު މަގު މި އޮންނަ ފަޅިން އަޅުގަނޑުމެންނަށް ހަމަ ކަރަންޓާ ފެންވެސް ދެވޭނެ." ނޯތު ހާބަރު އޮޕަރޭޝަންސް އެސިސްޓެންޓް މެނޭޖަރ ޖިޔާމް ސައީދު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެއެވެ.
މިހާރު ބޮޑުތަކުރުފާނު މަގާއި ވީ ފަޅިން މި ޚިދުމަތް ދިނުމަށް 16 ޕޮއިންޓެއް މިވަނީ ޤާއިމްކޮށްފައެވެ. މިިއިން ކޮންމެ ޕޮއިންޓެއްގައިވެސް 3 ކަރަންޓު މީޓަރު ބަހައްޓާފައިވާއިރު، 1 ފެން މީޓަރުވެސް މިވަނީ ބަހައްޓާފައެވެ. މިއާއެކު މިހާރު ނޯތު ހާބަރުން އެއް ފަހަރާ، އެއް ގަޑިއަކު މުޅި ޖުމްލަ 48 އުޅަނދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭއިރު، ހަަމަމިގޮތަށް 16 އުޅަނދަކަށް ފެނުގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.
"ފެނުގެ މީޓަރުތައް ހަރުކުރީ އެމްޑަބްލިއުއެސްސީ އާ ގުޅިގެން. މީޓަރުތައް ހަރުކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ މީޓަރުގެ ރައްކާތެރިކަމަށްވެސް. ކޮންމެ ބޮކްސްއެއްވެސް ހަމަ ދޮރު ހަރުކޮށްފަ ތަޅު ލެވޭގޮތަށް މި ހުންނަނީ. ކަރަންޓު ސީދާ އެމްޕީއެލުން ފޯރުކޮށްދޭނީ. ހަަމަ މިކޮޅަށް ގުޅާލީމަ ގޮސް ބޯޓުތަަކަށް ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށްދޭނެ. 10 ބޯޓަށް ކުރިއަށްވުރެ އިތުރަށް ފޯރުކޮށްދެވުނީމަ ވަރަށް ބޮޑު ޓާންއެރައުންޑެއް އަސްލު ލިބިގެންއެދަނީ. އޭރަށް އަވަހަށް އިތުރު ބޯޓުތަކަށް އަޅުގަނޑުމެންނަށް ޚިދުމަތްވެސް ދެވޭނީ." ނޯތު ހާބަރު އޮޕަރޭޝަންސް އެސިސްޓެންޓް މެނޭޖަރ ޖިޔާމް ސައީދު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެއެވެ.
މި ޚިދުމަތް އިތުރަށް ފުޅާވެގެންދިއުމާއެކު އެންމެ ބޮޑު ފައިދާއެއް ކުރަނީ މާލޭގެ ނޯތު ހާބަރުން ޚިދުމަތް ހޯދާ ދޯނިތަކަށްކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެމީހުން ބުނާގޮތުގައި މިއީ ދޯނިތައް ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، އަވަހަށް ޚިދުމަތް ހޯދައިގެން ފުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އަދި މީގެ ސަބަބުން ބޯޓުފަހަރުގެ ހިންގުމުގެ ޚަރަދަށް ލުއިވެ، އިންޖީނު ނުވަތަ ޖަނަރޭޓަރު ހިންގައިގެން ތެޔޮ އެންދުމުގެ ބަދަލުގައި، ފަސޭހަކަމާއެކު ބަނދަރުން ކަރަންޓު ލިބުމަކީ މާލީ ގޮތުންވެސް އެމީހުންނަށް ބޮޑު ފައިދާއެއް ކަމަށް އެމީހުން ކިޔައިދިނެވެ.
"އަޅުގަނޑުމެން އަސްލު ވަރަށް ބޭނުންވެފައި ތިބީ މަގާއި ވީފަޅިންވެސް މި ޚިދުމަތް ލިބޭނެ ދުވަހަކަށް. އެއީ މި ޒޯނުގައި ބޯޓު އެޅިޔަސް އަޅުގަނޑުމެން ޖެހެނީ 'ބީ' ނުވަތަ 'އެކްސްޕްރެސް' ޒޯނަށް ދާން. އެއީވެސް ވަރަށް ވަގުތު. އަދި އަނެއްކާ އެތައް އިރެއް މަޑުކޮށްގެން އޮންނަންޖެހޭތީ ވަރަށް ބޮޑު މާލީ ހަަރަދެއްދޯ އެދަނީ ވިޔަފާރީގެ ގޮތުން ބެލިޔަސް." ބޯޓުގެ ކެޕްޓަނަކު ކިޔައިދިނެވެ.
މީގެ އިތުރުން، މި ޚިދުމަތަކީ ތިމާވެއްޓާވެސް ރައްޓެހި ބަދަލެއްގެ ގޮތުގައި ކެޕްޓަނުން ސިފަކުރެއެވެ. ބޯޓުފަހަރުގެ އިންޖީނުތައް ނިއްވާލައި، ބަނދަރުން ދޭ ކަރަންޓު ބޭނުންކުރުމުން ބަނދަރު ސަރަހައްދުގައި އުފެދޭ ދުމާއި އަޑުގަދަވުން ކުޑަވެ، މަސައްކަތްކުރާ މާހައުލު އިތުރަށް ހިތްފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމީހުން ބުނެއެވެ.
"އޭ ޒޯނުން މި ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ފަސޭހައެއް އަޅުގަނޑުމެންނަށް އަދި މި ސަރަހައްދުގައި އުޅޭ މީހުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމެއް މިއީ. ކުރީގައި ޖެނެރޭޓަރުތަކާއި އެއްޗިހި ޖެއްސީމަ މަސައްކަތަށާއި އެކި އެކި ބޭނުންތަކަށް މާރުކޭޓަަށް އަންނަ މީހުން ވަރަށް ގިނައިން ޝަކުވާކުރާނެ އަޅުގަނޑުމެން ގާތު އަޑުގަދައޭ ކިޔާފަ. ދެން މިހާރު އެކަންތައްވެސް މި ދިޔައީ ހައްލުވެގެން. އަޅުގަނޑުމެން ފާހަގަކޮށްލަން މީގެ ކުރިން ނޯތު ހާބަރުން ލިބުނު އިންތިޒާމުތަކަށްވުރެ މިހާރު އިންތިޒާމުތައް މާބޮޑަށްވެސް ފުރިހަމަ." އިހައްދޫ ބޯޓުގެ ކައްޕި ކިޔައިދިނެވެ.
ކުރިން އެންމެ ދެ ޒޯނުން ދެމުންއައި މި ޚިދުމަތް އިތުރަށް ފުޅާވެގެންދިއުމާއެކު ދޯނިފަހަރުތަކުގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަންވެސް އިތުރުވެގެންގޮސްފައިވާ ކަމަށްވެސް ބޯޓު ފަހަރުތަކުގެ ކެޕްޓަނުން ބުންޏެވެ. ކުރިން ބޯޓުފަހަރު އެކި ސަރަހައްދުތަކަށް ދުއްވަން ޖެހުމުގެ ސަބަބުން ހިނގާ ކުދިކުދި އެކްސިޑެންޓްތަކާއި، ބަނދަރުގެ ތޮއްޖެހުމަށް މިހާރު ލުޔެއް ލިބިފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ. އަދި މިއީ މުޅި ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތްހަމަވެސްޖެހޭ މިހާރު ބަނދަރަށް ބަލާލާފަވެސް. ވަރަށް އިންތިޒާމުތައް ފުރިހަމައޭ ދެންނެވޭނީ މިހާރު. ވަަރަށް ތަރުތީބު މިތަންވެސް. އަނެއްކާ މިހާރު މި އޮންނަ ގޮތުން ވަރަށް ހިތްހަމަޖެހޭ އެއީ ބޯޓުފަހަރުގެ ރައްކާތެރިކަން އަޅުގަނޑުމެން ވަރަށް ބޭނުންވާނެ ދޯ. ކުރިން ވެއްޖެއްޔާމު ކިރިޔާވެސް އަލިފާނުގެ ކަމެއް ދިމާވެއްޖެއްޔާ ބޯޓުތައް ދުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެކަމަކު މިހާރު އެކަންވެސް މިއޮތީ ފަހިވެފައި." ދޯންޏެއްގައި މަސައްކަތްކުރާ ކެޕްޓަނަކު ކިޔައިދިނެވެ.
މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' އިން ފެނާއި ކަރަންޓު ދޭން ފެށުމަކީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. މިއީ ވަގުތު ސަލާމަތްވުމާއި، ޚަރަދު ކުޑަވުމާއި، އަދި ދަތުރުވެރިންނާއި ފަޅުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވައިލިއިރު މިފަދަ ޒަމާނީ ޚިދުމަތްތަކެއް ޤާއިމްކުރެވިފައި އޮތުމަކީ، ސަރުކާރުން އޮޑިވެރިންނަށް ދެއްވާ ހާއްސަ އަހައްމިއްޔަތު ހާމަވާ ކަމެކެވެ. މި ޚިދުމަތުގެ ސަބަބުން ބަނދަރުގެ މާހައުލަކީ ސާފުތާހިރު، އަދި ތަރުތީބުވެފައިވާ ތަނަކަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ