ވެރި ރަށް މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާލުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ހިނގި ކަނޑުމަތީގެ އެކްސިޑެންޓަށްފަހު ފިލި ލޯންޗު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެފި އެވެ.
އެ އެކްސިޑެންޓު ހިނގީ ބުރާސްފަތި ދުވަހުގެ ރޭ 9:15 ހާއިރު އެވެ. އެކްސިޑެންޓުވި އެއް ލޯންޗު، ލީޖަން-1" ވަނީ އެއް ނަންބަރު ޖެޓީއާ ގާތް ކުރުމަށްފަހު ފުލުހުންގެ އެހީތެރިކަން ހޯދައިފަ އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފަ،" ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވެ އެވެ.
އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވި އެވެ. އެއީ ހަތަރު ބިދޭސީއަކާއި ދިވެއްސަކު ކަމަށް ކަމަށް ފުލުހުން ބުނެ އެވެ. އެ އެންމެނަކީ ވެސް ފިރިހެނުންނެވެ.
އެ އެކްސިޑެންޓުގައި ފިލި ލޯންޗު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ ހުކުރު ދުވަހެވެ. ފުލުހުން ބުނީ އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 9926094 އަށް ގުޅުމަށެވެ.
"މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ވީމާ، މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެން،" ފުލުހުން ބުނެފައިވެ އެވެ.
އެކްސިޑެންޓުވުމުން ފިލި ލޯންޗު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ