ހާޑްވެއާ ސިއްރުތަކެއް ވަގަށް ނެގި ކަމަށް ބުނެ އެޕަލްއިން އޯޕަންއޭއައިއަށް ދައުވާކޮށްފި

އެޕަލް ކުންފުނީގެ ސިއްރު ވިޔަފާރި މައުލޫމާތުތަކެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޯޕަންއޭއައިން ކަސްޓަމަރުން ބޭނުންކުރާ ހާޑްވެއާ އުފެއްދުމުގެ ދާއިރާއަށް ވަނުން އަވަސްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، އެޕަލްއިން އޯޕަންއޭއައި އާއި އެޕަލްގެ ކުރީގެ ދެ މުވައްޒަފަކާ ދެކޮޅަށް އިއްޔެ ދައުވާ އުފުލައިފި އެވެ.
ކެލިފޯނިއާގެ ފެޑެރަލް ކޯޓަކަށް ހުށަހެޅި މި ދައުވާގައި އެޕަލްއިން ތުހުމަތުކޮށްފައިވާ ގޮތުގައި، އޯޕަންއޭއައިން ވަނީ އެޕަލްގެ ކުރީގެ މުވައްޒަފުންނާއި މުވައްޒަފުން ވަޒީފާއަށް ވެއްދުމުގެ ނިޒާމާ އަދި ސަޕްލަޔަރުންގެ ގުޅުންތައް މެދުވެރިކޮށް ރޭވުންތެރިކަމާ އެކު އެޕަލްގެ މިލްކުވެރި މައުލޫމާތުތައް ހޯދާފަ އެވެ. އެޕަލްއިން ތުހުމަތުކުރާ ގޮތުގައި، ކުރީގެ މުވައްޒަފުން ކަމަށްވާ ޗޭންގް ލިއު އަދި ޓޭންގް ޔޫ ޓޭން ވަނީ ކުންފުނީގެ ސިއްރު ފައިލްތަކެއް ޑައުންލޯޑްކޮށް، އެ މައުލޫމާތުތައް އަމިއްލައަށް ބަހައްޓައި އޯޕަންއޭއައިގެ ހާޑްވެއާ ތަރައްގީކުރުމަށް އެ އެއްޗެހީގެ ބޭނުން ހިފާފަ އެވެ.
އެޕަލްއިން ބުނި ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު މި ކަންބޮޑުވުންތައް އޯޕަންއޭއައިއާ ހިއްސާކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި "އެއް ޒަމާނެއްގައި އެޕަލްގެ ވިޔަފާރީގެ ސިއްރުތައް ހަވާލުކުރެވުނު މީހުން މިހާރު އޯޕަންއޭއައިގައި ވަޒީފާ އަދާކުރި ނަމަވެސް"، އޭގެ މާނައަކީ "އޯޕަންއޭއައިގެ ހާޑްވެއާ މަސައްކަތްތައް ފެށުމަށްޓަކައި އެ މައުލޫމާތުތައް ބޭނުންކުރުމުގެ ހައްގު އެ މީހުންނަށް ލިބުން ނޫން" ކަމަށް އެޕަލްއިން ބުންޏެވެ.
"އެހެން ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތަކަށް އަހަރެމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެމެންގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭނެ އާ އީޖާދީ ޓެކްނޮލޮޖީއެއް ބިނާކުރުން،" އޯޕަންއޭއައިން މި ތުހުމަތުތައް ދޮގުކުރަމުން ބުންޏެވެ.
މި މައްސަލައަކީ މި ދެ ކުންފުނީގެ ދެމެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެގެންދިޔަ މުހިންމު ކަމެކެވެ. މިހާރު މި ދެ ކުންފުނިން އަންނަނީ އެޕަލްގެ ޑިވައިސްތަކަށް އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ގުޅާލުމަށް އެކުގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހާއްސަ ހާޑްވެއާ އުފެއްދުމުގެ ރޭހުގައި މި ދެ ކުންފުންޏަކީ ވާދަވެރިންގެ ގޮތުގައި މިހާރު ދަނީ ބެލެވެމުންނެވެ.
ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، ހަމައެކަނި ކުރީގެ މުވައްޒަފުން ވަޒީފާއަށް ވެއްދުމުގެ ބަދަލުގައި، އޯޕަންއޭއައިން އެޕަލްގެ ސިއްރު ލިޔެކިޔުންތައް ބޭނުންކުރިކަން އެޕަލްއަށް ސާބިތުކޮށްދެވިއްޖެ ނަމަ، މިއީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު މައްސަލައަކަށް ވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ