ދިރާގުން ދޭ ދެވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވައިފި

ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ދިރާގު ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ދިރާގުގެ ”ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން“ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވާފައިވަނީ، މިއަހަރުގެ ޖަނަވަރީ މަހުއެވެ. އަދި މިހާރު ވަނީ، ދެވަނަ ނަސީބުވެރިޔާ ހޮވާފައެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދިޔައިރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިން ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކުރުން އެކަނި ނޫން ކަމަށެވެ. މީގެ އިތުރުން ކަސްޓަމަރުންނާ ގުޅޭ މުހިންމު ޕްރޮމޯޝަންތައް ގެނެސްދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގުން ދީފައިވަނީ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑު ބޯޓުތަކެކެވެ. މިއީ، އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޕީޑް ބޯޓުތަކެކެވެ. މި ސްޕީޑްބޯޓު ދީފައިވަނީ ޔަމަހާ 250 ހޯސްޕަވަރ އިންޖީނަކާއެކުއެވެ. މިއިން ކޮންމެ ބޯޓަކީ 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް ކަމަށް ދިރާގުން ބުނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ކުރިއަށް ގެންދިޔަ ”ވިން އަ ޓެސްލާ“ އަދި ”ވިން އަ ސްޕީޑްބޯޓު“ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ