ފަލަސްޠީނުގެ ޣައްޒާ ހިންގަމުންދިޔަ ޙަމާސް ޖަމާޢަތުން ޖުލައި މަހުގެ 6ވަނަ ދުވަހު ވަނީ ޣައްޒާގައި އޮންނަ ޙަމާސްގެ ސަރުކާރު އުވާލުމަށް ނިންމާފައިވާ ކަން އިޢުލާނުކޮށްފައެވެ. އަދި އެމެރިކާ މެދުވެރިވެ ޔަހޫދީންނާއި ޙަމާސްއާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ހިންގުން އެ ސަހަރުގެ އިދާރީ ހިންގުމާ ޙަވާލުވުމަށް އެކުލަވާލާފައިވާ ޤައުމީ ކޮމިޓީ، އެންސީއޭޖީއަށް ރަސްމީކޮށް ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.
އެ ނިންމުމަށް އދން މަރުޙަބާ ކިޔާފައިވާއިރު، އެ އިދާރާއިން ބުނީ ޙަމާސްގެ އެ ނިންމުމަކީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގައި ހިމެނޭ ނުކުތާތައް ތަންފީޛުކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޢާންމުންނަށް ރައްކާތެރިކަން ލިބި، މެދުކެނޑުމެއް ނެތި އިންސާނީ އެހީ ލިބުމަށް މަގުފަހިވާނެ ކަމަށް ވެސް އދން ބުނެފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިކޮށް ބިމާ ހަމަކޮށްފައިވާއިރު، އެއްބަސްވުމަކަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދީ ރައްޔިތުން ޝަހީދުކުރަމުންނެވެ.
މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އެންސީއޭޖީއަށް ފުރުޞަތު ދިނުމަށް ޙަމާސްއިން ރަސްމީކޮށް އެއް ފަރާތަށް ޖެހުމަކީ އޭގެ ސަބަބުން ޣައްޒާގެ ޢާންމު ޙާލަތަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ޣައްޒާގެ ޞުލްޙަމަސަލަސްކަން ނަގައިލުމަށް ޔަހޫދީން ކުރަމުންދާ ބުރަ މަސައްކަތެވެ. ޔަހޫދީން ޣައްޒާއަށް އަތްދަގަކޮށް، ކަންކަން ހިފަހައްޓާފައިވާަލެއް ބޮޑުކަމުން އެންސީއޭޖީއަށް ވެސް ޣައްޒާ ހިންގުމަށް ފަސޭހަ ނުވާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއެވެ.
އެންސީއޭޖީ އެކުލެވިގެން ވަނީ ފަލަސްޠީނުގެ ތަޖުރިބާކާރުންތަކެއްގެ މައްޗަށެވެ. އެ ކޮމިޓީއަށް އދގެ ރުހުން ވަނީ ލިބިފައެވެ. އެ ކޮމިޓީގައި ހަތިޔާރުއެޅި މުޖާހިދުންނެއް ނުހިމެނެއެވެ. ކަން އެހެން އޮތް ނަމަވެސް އެ ކޮމިޓީގެ މަސައްކަތުން ޣައްޒާގައި ޞުލްޙަ ޤާއިމްކުރެވުނަ ނުދިނުމަށް ޔަހޫދީން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. އެންސީއޭޖީއަށް ޣައްޒާގައި ޙަރަކާތްތެރިވުމުގެ ފުުރުޞަތު ޔަހޫދީން ދީފައި ނުވާތީ އެ ކޮމިޓީގެ މަސައްކަތްތައް މި ވަގުތު ކުރަމުން ދަނީ އަވަށްޓެރި މިޞްރުގެ ޤާހިރާއިންނެވެ. އެންސީއޭޖީގެ އެކްޓިންގ ކޮމިޝަނަރު ޢަލީ ޢަބްދުލް ޙާމިދު ޝާތު ވިދާޅުވީ މިނިވަންކަމާއެކު ޙަރަކާތްތެރިނުވެވޭ، ޣައްޒާއަށް ބާރު ނުފޯރުވޭ، އަދި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގައި ބާރެއް ނެތް ކޮމިޓީއަކަށް ސަހަރެއް ހިންގާ ބައެއްގެ ގޮތުގައި ޤާއިމްވުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ. އަދި އެ ބާރުތައް އެ ކޮމިޓީއަށް ނުލިބޭހާ ހިނދަކު އެ ކޮމިޓީއަށް ޙާޞިލްކުރެވޭ ކަންކަން ވަރަށް ހަނިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ޔަހޫދީ ސިފައިން ޙަރަކާތްތެރިވާ ޙަރަކާތްތެރިވުން އެކަންޏަކީ ވެސް ޣައްޒާގައި ޞުލްޙަ ޤާއިމް ކުރުމަށް އޮތް ހުރަހެކެވެ. ޣައްޒާގެ 60 އިންސައްތަ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އަދި ޣައްޒާގެ 75 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް ބޭނުންވާ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެންކަމުން، ކޮމިޓީގެ މަސައްކަތް ފަށައިނުގަނެވެނިސް ވެސް ޔަހޫދީން ކޮމިޓީއަށް ހުރަސްއަޅާމުންދާ ކަމުގައި ބުނެވިދާނެއެވެ. ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން ޙަމާސްއަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރުމަށް ދަތިވާ ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ޙަމާސްއިން ވެސް ބުނީ ޙަމާސްގެ ސަރުކާރު އުވާލުމާއެކު ޔަހޫދީން ޣައްޒާގައި އިދާރީ ހުސްކަމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޣައްޒާގެ ސަރުކާރު އުވައިލުން، ދެން ވާނީ ކިހިނެތް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ