ރަނގަޅު މީހުން ނުބައި ކުރާ ތިން ސަބަބެއް އޮންނަ ކަމަށާއި އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިއަދު ހަވީރު ތިނެއް ޖަހާކަށްހާ އިރު އުމަރު ކުރެއްވި ޓްވީޓެއްގައި "ވައިން، ވިމެން އެންޑް ވެލްތު" ނުވަތަ "ރަލާއި އަންހެނުންނާއި މުއްސަނދިކަން" އެއީ ރަނގަޅު މީހުން ގޯސްކުރާ ތިން ކަމެއް ކަމަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅުވައިގެންނެވެ. ރަލާ ހެދި ރައީސަކު އިސްތިއުފާދެއްވި ކަމަށާއި ފައިސާއާ ހެދި ރައީސަކު ސިޔާސީގޮތުން ކަނުވި ކަމަށް އެ ޓްވީޓުގައި ވިދާޅުވި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކަށް ފަހު އުމަރު ވަނީ ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ.
މި ޓްވީޓާއެކު އެތައް ބަޔަކު އެއްފަހަރާ އުމަރަށް ފާޑުކިޔަން ފެށި އެވެ. އަންހެނުންނަށް މި ވަރުގެ ބަދު ބަހެއް ބުނީތީ ހައިރާންވާ ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ބުނެ އެކި މީހުން ވަނީ ޓްވީޓްކޮށްފަ އެވެ.
"އަންހެނުންނަކީ ވެސް އިންސާނުން. އަންހެނުން ވެސް ފިރިހެނުންނާ އެއްވަރަކަށް ނުވަތަ އެއަށް ވުރެ ބޮޑަށް މުޖުތަމައަށް ޚިދުމަތްކުރޭ،" އަންހެނަކު ބުނެފައިވެ އެވެ.
އަންހެނުންނަށް ބަދު ބަސް ވިދާޅުވެ އުމަރު ކުރެއްވި ޓްވީޓް
އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ވޮއިސް އޮފް ވިމެން އިން ވަނީ އުމަރުގެ ވާހަކަ އަނބުރާ ގެންދަވައި މައާފަށް އެދިވަޑައިގަތުމަށް ގޮވާލައިފަ އެވެ.
އުމަރުގެ ވާހަކައާ އެންމެ ފުރަތަމަ ދެކޮޅު ހެދި މީހުންގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުކަމުން އިސްތިއުފާދެއްވި ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. ޔުމްނާ އާއި އުމަރަކީ މައްސަލަ ބޮޑުވެ، ދެ ފަޅިވެފައި އޮތް ޕީޕީއެމްގެ މައުމޫން ފަޅީގައި ތިއްބެވި ކައުންސިލް މެމްބަރުންނެވެ. އެކަމަކު ޔުމްނާ ވަނީ އުމަރަށް ރައްދު ދެއްވާފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ މާ ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ ވާހަކައެއް ކަމަށާއި ފިރިހެނުން ވެސް އަންހެނުން ނުބައިކުރާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އެންމެން ވެސް ބަލަންވީ ރަނގަޅު މީހުންނަށް ވާން އަދި އެހެން މީހުން ވެސް ރަނގަޅު މީހުންނަށް ހަދަން އެހީތެރިވެދޭން،" ޔުމްނާ ވިދާޅުވި އެވެ.
އުމަރަށް ރައްދު ދިން މީހުންގެ ތެރޭގައި ކެނެޑާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝެލީ ވައިޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ލީޑަރުންނާއި ސަރުކާރު ފެއިލްވީމާ އޭގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވިގޮތުގައި އުމަރުގެ ވާހަކަ ދެ ޖިންސުގެ ހަމަހަމަކަމުގެ ގާނޫނާ ވެސް ފުށުއަރަ އެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުން ނިކަމެތިކުރަމުންދާ މައްސަލަ އަށް އިތުރުވި ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އުމަރުގެ ޓްވީޓާ ގުޅިގެން ބައެއް މީހުން އޭނާ ސިފަކުރަނީ "ރާއްޖޭގެ ޓްރަމްޕް"ގެ ގޮތުގަ އެވެ. އެމެރިކާގެ ރިޔާސީ ރޭހުގައި އުޅުއްވާ ޑޮނަލްޑް ޓްރަމްޕް ވެސް އަންހެނުން ކުޑައިމީސްކޮށް މިފަދަ ބަދު ބަސްތައް ވިދާޅުވެ އެވެ.
ފާޑުކިޔަން ފެށުމުން، ފުރަތަމަ ޓްވީޓަށް ދޮޅުގަޑިއެއްހާ އިރު ފަހުން އުމަރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި، އެތަކެއް ބައިވަރު އަންހެނުންނާ ގުޅުން ބޭއްވެވި ރައީސެއްގެ ގައިގައި ތަޅައި އަވަހާރަކޮށްލާފައިވާ ކަމަށާއި އެހެންވީމާ "3 ޑަބްލިޔު" (ވައިން، ވިމެން އެންޑް ވެލްތު)ގެ ވާހަކައަކީ ރާއްޖޭގައި ތެދެއް ކަމަށެވެ. އެކަމަކު ކުރިން ކުރެއްވި ޓްވީޓާ އެކު މި ޓްވީޓް ވެސް ވަނީ ޑިލީޓް ކުރައްވައިފަ އެވެ.
އަންހެނުންނަށް ބަދު ބަސް ބުނެގެން އުމަރު އަނދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ