ބިރުވެރިކަމެއްނެތި ތަހުގީގުކޮށް ރިޕޯޓުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަންޖެހޭ: އެމްޑީޕީ

އެއްވެސް ބިރުވެރިކަމެއްނެތި ކަންކަން ތަހުގީގުކޮށް ރިޕޯޓުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން އެހެން ބުނީ، "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރި ފަހުންނެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ. އެ ނޫހުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާ ޑޮކިއުމެންޓަރީއެއް މިދިޔަ މަހު އެ ނޫހުން ނެރެފައި ވަނިކޮށެވެ. އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ރައީސަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއް އާންމުކުރުމާ ގުޅިގެން، މިނިވަން އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގަމުންދާ އޮޕަރޭޝަން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. ފުލުހުން އެ ނޫސް އިދާރާއަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވީ ނަމަވެސް، އޭގައިވާ ކަންކަން ސާފުނުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ބިރެއް ކަމުގައި އެ ޕާޓީން ދެކޭކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އެ ޕާޓީއަށް ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ އަމުރުގައި ތަހުގީގު ކުރަނީ ކޮން މައްސަލައެއްކަން ނުވަތަ ފާސްކުރަނީ ކޮން ދާއިރާއެއްކަން ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ އިތުރުން އަދަދު ނޫހުގެ ބައެއް އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. 'އަދަދު' ނޫހަށް ފުލުހުން ވަނުމުން ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ ނޫސް ބަޔާނުގައި ވަނީ އެ އޮޕަރޭޝަން ހިންގާފައިވަނީ އަންހެނެއްގެ ސޫރަ ނުފެންނަ ގޮތަށް ރައީސް މުއިއްޒާއި ގުޅޭ ސީރިއަސް ތުހުމަތުތަކެއް ހިމަނައިގެން އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންކަމަށެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ރިޕޯޓްތަކާ ގުޅިގެން އަމަލުކުރަންޖެހޭނީ ދެފުށް ފެންނަ، މިނިވަން އިޖުރާއާތްތަކެއްގެ ތެރެއިން ކަމަށާއި ނޫސްވެރިންނަށް ބިރުދެއްކުމަކީ އެކަމަށް އޮތް ހައްލެއް ނޫންކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. އަދި އެއީ މީޑިއާތައް ކޮންޓްރޯލްކުރުމަށް ފަހިވާ ގޮތަށް މީޑިއާ ކައުންސިލްގެ ބިލު މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި ހިނގަމުންދާ ކަންކަން ކަމަށްވުމީ އެކަމާ އިތުރަށް ކަންބޮޑުވާ ކަމެއްކަމަށްވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ. އެމްޑީޕީއިން ވަނީ އެފަދަ އަމަލުތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. މިނިވަން ނޫސްވެރިކަމަކީ ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގެ ވެސް ބިންގާކަމަށާއި ބިރުވެރިކަމެއް ނެތި ކަންކަން ތަހުގީގުކޮށް، ރިޕޯޓްކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނަންޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންކަމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، ދައުލަތުގެ މުއައްސަސާތަކުން ހިންގާ އަމަލުތަކަކީ، ގާނޫނީ އިމުގެ ތެރެއިން ހިންގޭ މައްސަލައާ ނުބައްދަލު އަމަލުތަކަކަށް ނުހެދުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ޑިމޮކްރެޓިކް ވެރިކަމަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީއިން ވަނީ އިލްތިމާސްކޮށްފައެވެ. އެމްޑީޕީން އެހެން ބުނެފައިވާއިރު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) ވަނީ، އަދަދު ނޫހުގެ މައްސަލަ ރައީސް ފުލުހަށް ހުށަނާޅުއްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ