ޗެނަލް 13އިން ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރަން އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްއިން ކޮންމެ ރެއަކު ބާއްވާ މުޒާހަރާތައް ލައިވްނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން 'ޗެނަލް 13'އަށް އަންގައިފިއެވެ. 'ޗެނަލް 13'އިން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ޕީއެންއެފުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުތައް ލައިވްކޮށް ދައްކަމުންނެވެ. މިކަމާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަނުން 'ޗެނަލް 13'ގެ ސީއީއޯ އިސްމާއިލް ސަފްވާނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ސިޔާސީ ޕާޓިތަކުން ބާއްވާ މުޒާހަރާތަކުގައިއާއި އެއްވުންތައް ލައިވްކުރުމުގައި އަމަލުކުރަންޖެހޭނީ ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ބަޔާންކުރާ ހަމަތަކަށް ފުރިހަމައަށް ބޯލަނބައި ޒިންމާދާރުކަމާއެކުގައި ކަމަަށެވެ. އެ ސިޓީގައި ވަނީ މުޒާހަރާތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑާ ޚިލާފު މަންޒަރާއި އަޑު ގެނެސްދެމުންދާކަން އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ހަރަކާތް ލައިވްކޮށް ބްރޮޑްކާސްޓް ކުރުމުގައި 60 ސިކުންތު ލަސްކުރުމަށް އެދި ސިޓީއެއް އެ ޗެނަލަށް ފޮނުވިކަމަށާއި އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތީން ފޯނުން ގުޅައިގެން އެކަން އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ތަކުރާރުކޮށް މިހާރުވެސް ކޮމިޝަނުގެ އެންގުމާ ޚިލާފަށް ލަސްކުރުމެއް ނެތި މުޒާހަރާ ލައިވްކުރަމުންދާކަން ފާހަގަވެފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އެއްވެ އުޅުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކާ ޚިލާފު މަންޒަރާއި އަޑު އާންމުކުރަމުންދާ މައްސަަލަ އެ ކޮމިޝަނުން ބަލަމުންދާތީ، މައްސަލައާމެދު ވަކިގޮތެއް ނިމެންދެން މުޒާހަރާތައް ލައިވްކޮށް ނުދެއްކުމަށް އެ ކޮމިޝަނުން ވަނީ އަންގައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިރޭ ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށްފައިވާ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައެވެ. https://sun.mv/221196 އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން މިރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ، ރައީސަށް ބޮޑެތި ތުހުމަތުތައްކޮށް އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ރަޝީދު (މުންދު) ވަނީ، އަދަދު ނޫހުގެ މައްސަލަ ރައީސް ފުލުހަށް ހުށަނާޅުއްވާ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން އައު ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލި ގޮތުން ވެސް، މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ ކަމަށް ބުނެ މީގެ ކުރިން ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެ ބިލް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން އެ ބިލަށް ތާއިދުކުރާކަން ހާމަކުރިއެވެ. ނަމަވެސް އެ ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން ބިލާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އެ ބިލު ފާސްކުރި ކޮމިޓީގައި ވެސް ނޫސްވެރިން އިހުތިޖާޖުކުރިއިރު، ކޮމިޓީން ބިލް ފާސްކުރީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަަށް ބުނެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލް ފާސްކުރުމުން، ބިލް ތަސްދީގު ނުކުރަން ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލިއެވެ. ނަމަވެސް މިދިޔަ ސެޕްޓެންބަރު މަހުގެ 18ގައި ރައީސް އެ ބިލް ތަސްދީގު ކުރެއްވިއެވެ. އަދި އައު ގާނޫނުގެ ދަށުން ކޮމިޝަނެއް ވަނީ އެކުލަވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ