ނައިފަރު ޗެލްސީން ތިންވަނަ ފައިނަލަށް، ޖިބިއްލީ ބަލިކޮށް ތާރީޚީ ކާމިޔާބީއަކާ ގާތަށް
ދަ މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުގައި، ޅ. ނައިފަރު ޗެލްސީން މަހިބަދޫގެ ވަރުގަދަ ޖިބިއްލީ ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ނައިފަރު ޗެލްސީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، 3-0 ގެ ނަތީޖާއަކުން ޖިބިލީގެ މައްޗަށް ކުރިހޯދާފައެވެ. މި ކާމިޔާބީއާއެކު ނައިފަރު ޗެލްސީ ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ވަރުގަދަ ޑިފެންސެއް ދައްކަމުންދާ ޓީމަށެވެ. އެގޮތުން، މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ނިންމާލީ ބައިކޮޅަށް އެންމެ ގޯލެއްވެސް ވަނަނުދީކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި ނައިފަރު ޗެލްސީން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުން މޮޅުވި ނައިފަރު ޗެލްސީގެ ކެޕްޓަން ފައިޓޯ-- ފޮޓޯ: ސިޑިބަރި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް މުހައްމަދު ފާސިރެވެ. ޖިބިލީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ލިބުނު ފުރުސަތެއްގައި، ފާސިރު ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި ދަނޑަށް އެއްވެ ތިބި ސަޕޯޓަރުން އުފާކޮށްދީފައެވެ. މި ލަނޑަށްފަހު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައިރު، އޭގެ ހަތަރު މިނެޓު ފަހުން ނައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިޔާ އަލް ހާޖީ ޖޭރޯ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައެވެ. މި ވަގުތު ބޯޅަ ހޯދުމަށް ދެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތުގެ ތެރޭގައި، ޖިބިލީގެ ޑިފެންޑަރު ހިޝާމް ސަލީމަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. ހިޝާމްގެ އަނިޔާ ބޮޑުވުމުގެ ސަބަބުން، ދަނޑު މައްޗަށް އެމްބިއުލަންސް ވައްދައިގެން އޭނާ ވަނީ ފަރުވާއަށް ގެންގޮސްފައެވެ. މި ހާދިސާއަށްފަހު ކުޅުން އަލުން ފެށިގެން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިފަރު ޗެލްސީން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވިންގަރ މުހައްމަދު ނާއިމްއެވެ. ޖިބިލީގެ ހާފުގެ ތެރެއިން ބޯޅަ ހޯދުމަށްފަހު، ޔާޔާ ބިލިޓީއާއެކު "ވަން-ޓޫ" އެއް ކުޅުމަށްފަހު، ނާއިމް ވަނީ ހަނި އޭންގަލަކުން ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލާފައެވެ. ދެވަނަ ހާފުގައި ޖިބިލީން ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކުރި ނަމަވެސް، ނައިފަރުގެ ވަރުގަދަ ޑިފެންސުން ވަނީ އެ ފުރުސަތުތައް ހުރަސްކޮށްފައެވެ. މެޗުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ކައުންޓަރ އެޓޭކެއްގެ ތެރެއިންނެވެ. ނާއިމް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އަހުމަދު އަޝްރަފް ވަނީ ހުސްކޮށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައި، މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. ނައިފަރު ޗެލްސީން ފައިނަލަށް ދަތުރުކުރީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ޖުމްލަ 13 ލަނޑު ޖަހައިގެންނެވެ. މީގެ ކުރިން މާފަރު އެފްސީ އާއި މަނަދޫ އެސްސީ ބަލިކުރިއިރުވެސް، އެޓީމުގެ ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. ނަމަވެސް، ނައިފަރު ޗެލްސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިނަލްގެ ނަސީބެވެ. ވޭތުވެދިޔަ ދެ އަހަރުވެސް އެޓީމު ފައިނަލުން ބަލިވީ ކެނދިކުޅުދޫގެ އަމިއްލަ ޓީމު ކަމަށްވާ ވިންޑް ވޯރިއާސް އަތުންނެވެ. އެހެންކަމުން، މިފަހަރުގެ ފައިނަލަކީ އެ ހިތްދަތި ހަނދާންތައް ފޮހެލައި، ފުރަތަމަ ފަހަރަށް ތަށި އުފުލާލުމަށް ލިބޭ ރަން ފުރުސަތެކެވެ. އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ނައިފަރު ޗެލްސީ ބައްދަލުކުރާނީ މާޒިޔާ ޖޫނިއާސްއާއެވެ. މާޒިޔާ ޖޫނިއާސްއަކީވެސް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ޒުވާން އަދި ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމެކެވެ. މުޅި އަތޮޅުގެ ފޯރި މިހާރު ހުރީ މި ބޮޑު ފައިނަލަށެވެ. ނައިފަރުގެ ސަޕޯޓަރުން އުންމީދު ކުރަނީ، މުޅި މުބާރާތުގައި ބައިކޮޅަށް ގޯލެއް ނުވަދެ ދެއްކި މޮޅު ކުޅުން ފައިނަލްގައިވެސް ތަކުރާރުކޮށް، ތިންވަނަ ފަހަރުގެ ނަސީބުން ތަށި ހޯދާނެ ކަމަށެވެ. މިއީ ނައިފަރު ޗެލްސީގެ ތާރީޚުގައިވެސް އެންމެ މުހިންމު އެއް މެޗަށް ވާނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ