ޕީއެންއެފް މުޒާހަރާތައް ލައިވްކުރުން ހުއްޓާލަން ޗެނަލް 13 އަށް އަންގައިފި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތައް ލައިވްކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފިއެވެ.
މާލޭގައި ކޮންމެ ރެއަކު ކުރިއަށްގެންދާ މި މުޒާހަރާތައް ލައިވްކުރުން ހުއްޓާލަން އަންގައި، މީޑިއާ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ވަނީ މިއަދުގެ ވަގުތެއްގައި ޗެނަލް 13 އަށް ސިޓީއެއް ފޮނުވައިފައެވެ.
އެ ކޮމިޝަނުން ބުނީ އެ ފިޔަވަޅު އެޅީ، މުޒާހަރާތައް ލައިވްކުރަމުންދާ އިރު އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކާއި މަންޒަރުތައް ބްރޯޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވޭތީ ކަމަށެވެ.
އެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހު ވަނީ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓުގެ ޑިލޭއެއް ބޭނުންކުރުމަށް ޗެނަލް 13 އަށް އަންގައިފައެވެ. އެ އެންގުމަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައި ސްޓޭޝަންގެ ވެރިންގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް ކޮމިޝަނުން ބުނެއެވެ.
ނަމަވެސް ކޮމިޝަންގެ އެންގުންތަކާ ތަކުރާރުކޮށް ހިލާފުވެ، އެއްވެސް ޑިލޭއަކާ ނުލައި މުޒާހަރާ ލައިވް ބްރޯޑްކާސްޓް ކުރަމުންދާތީ، ގާނޫނާއި ގަވާއިދުތަކުގެ ދަށުން މައްސަލައިގައި ވަކި ގޮތެއް ނިންމެންދެން ލައިވްކުރުން މެދުކަނޑާލަން މިހާރު ވަނީ އަންގައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ހަރަކާތްތަކަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޕާޓީން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ