މިހާރު ފެތުރެމުންދާ ހުމާ ގުޅިގެން އިންޓަ ސްކޫލް ވޮލީ މުބާރާތުގެ އިނާމް ދިނުން ރަސްމިއްޔާތު ފަސްކޮށްފި

މިދުވަސް ކޮޅު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ H1N1 ހުމުގެ ރޯގާއާ ގުޅިގެން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރަތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ވެސް ފަސްކޮށްފި އެވެ.
ވީއޭއެމްއިން ދާދި ދެންމެއަކު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މައިލޯ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު، ސްކޫލްތަކާ މަޝްވަރާ ކުރުމަށްފަހު، ބާއްވާނެ ތާރީޙެއް ފަހުން އިޢުލާން ކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން ވީއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ އިނާމް ދިނުމުގެ ރަސްމިއްޔާތު ފަސްކުރި ނަމަވެސް މިއަދު ކުޅުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް 16 އަހަރުންދަށް ފިރިހެން ފައިނަލާއި 19 އަހަރުންދަށުގެ ފިރިހެން ފައިނަލް މެޗްތަށް ކުރިންވެސް ތާވަލް ކުރެވިފައިވާގޮތަށް މިއަދު ކުރިއަށްދާނެ ކަމަށެވެ.
މިމުބާރަތުގެ 16 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗްގައި ވާދަކުރާނީ ގޮއިދޫ ސްކޫލްއާއި މާފުށި ސްކޫލްއެވެ. އަދި 19 އަހަރުން ދަށުގެ ފައިނަލް މެޗްގައި ވާދަކުރަނީ ފ އަތޮޅު ސްކޫލްއާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއެވެ. އަދި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މައިލޯ އިންޓަ ކޮލެޖް އަންހެން އަދި ފިރިހެން ފައިނަލް މެޗްތަކުގެ ކުޅުން ކުރިއަށްދާނެކަމަށް ވެސް ވީއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ވީއޭއެމްއިން ބުނީ، ސްކޫލްތަކުންނާއި ކޮލެޖްތަކުން އެސޯސިއޭޝަންއަށް ދެމުންގެންދާ އެއްބާރުލުމަށް އަބަދުވެސް ޝުކުރުއަދާ ކުރާކަމަށާއި އިނާމް ދިނުން ފަސްކުމާ ގުޅިގެން ސްކޫލްތަކާއި ބެލެނިވެރިންނާއި އަދި ހާއްސަކޮށް ދަރިވަރުންނަށް ދިމާވާނެ ދަތިތަކަށް އެސޯސިއޭޝަންއިން މައާފަށް އެދޭކަމަށެވެ.
ވޮލީގެ އިނާމުދިނުމުގެ ރަސްމިއްޔާތު ވަކިމުއްދަތެއް ނެތް ގޮތައް ފަސްކުރިއިރު، މިހުމާގުޅިގެން ގައުމީ ފުޓްބޯޅަ އިދާރާއިން ރާވާހިންގާ ހުރިހާ މުބާރާތްތައް ވެސް މުއްދަތެއް ނެތްގޮތަށް ވަނީ ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ