ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ 20:30ގައި މާލޭގައި އޮންނާނެއެވެ. އަދި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައްވެސް މިރޭ 8.30 ގައި އޮންނާނެއެވެ. ޖުމްހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ.
މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފުގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ.
ލަޝްކަރު ހުއްޓޭ އެ ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މީގެއިތުރުން، ޤައުމީ ކެޑޭޓު ކޯގެ ޕެރޭޑާއި، ސްކޫލުތަކުގެ ފަރާތުން ހުށަހަޅައިދޭ ކުޅިވަރުތަކާއި ސަޤާފީ ހަރަކާތްތައް ވެސް މިރޭ ކުރިއަށްދާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑުގެ އިތުރުން ސްކޫލުތަކުގެ ކުޅިވަރާއި، ސަޤާފީ އައިޓަމްތައް ކުރިއަށް ދާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ނަޝާ ގްރޫޕުތަކުގެ ހުށަހެޅުންތަކާއި، ބޮޑުބެރު ގްރޫޕުތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުމާއި ހެވިކަމުގެ ކުޅިވަރުތައް މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ