ހިތާދޫ ސްކޫލުގެ ޑައިމަންޑް ޖުބުލީ: މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފި
ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބުލީ އެ ސްކޫލުގެ އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަން ފަށައި، 'އަފެރެންގެ މަސް ރޭސް' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިއްޔެ މެންދުރުފަހު 14:30 ގައި ފެށި މި މަސްރޭހުގައި ޖުމްލަ 15 ޓީމަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އެ ރަށުން ބޭރުން ބައިވެރިވި ދެ ޓީމު ކަމަށްވާ 'ތްރީއެމް' އަދި '1970' ހިމެނެއެވެ. މަސްރޭހުގެ ވަނަތައް ރޭ އިއުލާނުކޮށްފައިވާއިރު، މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ޓީމް 'ފަރު ބޭރު' އިންނެވެ. އަދި މުބާރާތުގައި އެންމެ ބޮޑު މަހެއް ބާނައިގެން އެ މަގާމުވެސް ހޯދާފައިވަނީ ހަމަ އެ ޓީމުންނެވެ. އެ ޓީމުން ބޭނި އެންމެ ބޮޑު މަހުގެ ބަރުދަނުގައި ހަތް ކިލޯ ހުރިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރަށުގެ ކުދިބޮޑު އެންމެންގެ ބައިވެރިވުމާއެކު ރޭ މަސްރޭސް ނިންމާލުމަށްފަހު، މުބާރާތުގައި ބޭނި މަސްތައް ބޭނުންކޮށްގެން މިރޭ އެއްބައިވަންތަކަމުގެ ކެއުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ރަށުގައި ހަރަކާތްތެރިވާ 'އެސްއެސް ޓީވީ' ގެ ޕްރެޒެންޓަރުން މައުލޫމާތު ދިން ގޮތުގައި، މި ކެއުމަށް ތައްޔާރުވުމުގެ ގޮތުން ކެއްކުމުގެ މަސައްކަތް މިއަދު ވަރަށް ފޯރިއާއެކު އެ ރަށުގައި ދަނީ ކުރިއަށެވެ. ކެއްކުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ސަރަހައްދުގައި ސްކޫލުގެ އިސް ދަރިވަރުންގެ ފަރާތުން ދަނީ ސަގާފީ ތަފާތު ހަރަކާތްތައް ހުށަހަޅައިދެމުންނެވެ. އެގޮތުން ރައިވަރާއި، ފަރިހި އަދި އަންބާ ކިޔުމުގެ ހަރަކާތްތަކާއެކު ކެއްކުމުގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރިއަށްދާކަން ޕްރެޒެންޓަރުން ފާހަގަކޮށްފައިވެއެވެ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބުލީގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުނާސަބަތާ ގުޅިގެން، 75 އަހަރު ފުރުން ރަމްޒުކޮށްދިނުމުގެ ގޮތުން މާދަމާ 75 ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ރާވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ