ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމުން ނުފުދޭކަމަށް ”ނީޓް“ އިމްތިހާނުގެ އިމްތިހާނު ކަރުދާސް ލީކުވުމާއި ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ ބެލެނިވެރިން ބުނެފިއެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އިމްތިހާނު ކަރުދާސްތައް ލީކުވުމާއި ނަހަމަ ގޮތުގައި އަމަލުކުރުން ހުއްޓުވޭނެ ފަދަ އޮނިގަނޑެއް ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެނައުމަށް ބެލެނިވެރިން ވަނީ ގޮވާލާފައެވެ.
މިދިޔަ މެއި މަހު އަމިއްލައަށް މަރުވި، އުއްތަރު ޕްރަދޭޝްގެ ކޭރީ ޑިސްޓްރިކްޓަށް ނިސްބަތްވާ 21 އަހަރުގެ ދަރިވަރެއްގެ ބައްޕަ، ފުލުހުންގެ ފަރާތުން ކުރިމަތިވި ”ލާއިންސާނީ“ ހަމަލާތަކާއެކުވެސް ދަރިވަރުން ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖަށްވަނީ ތައުރީފުކޮށްފައެވެ. އަދި ކުރިމަގުގައި މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި ތަޢުލީމީ ދާއިރާއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް އޭނާ ގޮވާލިއެވެ.
ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)ން މިދިޔަ މަހުން ފެށިގެން ކުރަމުންދިޔަ މުޒާހަރާތައް ނިންމާލާފައިވަނީ އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާން (ނީޓް) ގެ ކަރުދާސްތައް ލީކުވި މައްސަލައާއި އިމްތިހާނުގެ އުސޫލުތަކާ ގުޅިގެން ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތަކަށް އެއް މަސް ދުވަސް ވީފަހުން އިއްޔެ ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މި ނިންމުން އިއުލާނު ކުރައްވާފައިވަނީ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި ސަރުކާރާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތިންވަނަ ބުރު ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށެވެ. ދިއްލީގެ ޖަންތަރް މަންތަރްގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ މައިގަނޑު ޑިމާންޑަކީ ޕްރަދާންގެ އިސްތިއުފާއެވެ.
ސީޖޭޕީ އާއި މަރުކަޒީ ސަރުކާރާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް މީގެ ކުރިން އޮތީ ހުއްޓުމަކަށް އައިސްފައެވެ. ސަބަބަކީ ޕްރަދާން މަގާމުން ވަކިނުކުރާނަމަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށް ސީޖޭޕީން ބުނަމުން ދިއުމެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައިގަނޑު ތިން ކަމަކީ: ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާ، މުޒާހަރާ ކުރި ދަރިވަރުންނާ މެދު ގާނޫނީ ފިޔަވަޅު ނޭޅުން، އަދި ކަރުދާސް ލީކުވި މައްސަލައިގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމެވެ.
އިސްތިއުފާ އިއުލާނު ކުރައްވަމުން ޕްރަދާން ވިދާޅުވީ، ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި އިހުސާސްތަކަށް އޭނާ ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
އޭނާގެ އިސްތިއުފާއެކު އުފާ ފާޅުކުރަމުން ކުރަފި ޕާޓީގެ ވެރިޔާ، އަބިޖީތް ޑިޕްކޭ ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އިތުރު 2 ޑިމާންޑެއް އޮތް ކަމަށެވެ. އެހެން ކަމުން އެހާ ފަސޭހައިން މަޑުން ނުތިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ދަރުމެންދްރަ އިސްތިއުފާ ދިން ނަމަވެސް އިމްތިހާނާއި ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާއަށް، ކޮންމެ އާއިލާއަކަށް ބަދަލުދޭން ޖެހޭނެ ކަމަށެވެ.
ދެވަނަ ޑިމާންޑަކީ މިމަހުގެ 20 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މުޒާހަރާގެ ބައިވެރިންނާއި މެދު އަމަލުކުރި ފުލުހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުން ކަމަށް ވެސް ވަނީ އޭނާ ވަނީ ބުނެފައެވެ. އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާއި ގުޅިގެން އިންޑިއާގެ ގިނަ ދަރިވަރުންތަކެއް ވަނީ އަމިއްލައަށް މަރުވެފައެވެ.
އާއިލާތަކުން އެދެނީ އިސްލާހީ ބަދަލުތަކަށް: ހަމައެކަނި އިސްތިއުފާ ދިނުމަކުން ނުފުދޭކަމަށް ބުނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ