ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއެއް ނިންމައި ހަވާލު ކުރާނަން: ރައީސް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއް އަމަލީގޮތުން ނިންމައި، އޭގެ ހައްގުވެރިންނާ ތަންތަން ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްކޮށް ނިންމައި ރައްޔިތުންނަށް އެތަންތަން ލިބިގެންދާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދާއިރު މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ”ކަނޑުފަޅުން“ ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 އިން ދޫކުރި ހުރިހާ ގޯއްޗެއް މިހާރު ހަވާލުކުރެވިފައިވާކަމަށާއި، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެތަނުން ގޯތި ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ ރަސްމާލެ ޕްރޮޖެކްޓެކެވެ. އަދި އެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީފަޅުން ދޫކުރި ގޯތިތައް ހަވާލުކުރުމާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިމިގެންދާނެއެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ ”ފަހި ދިރިއުޅުން“ ފްލެޓްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު އެ މަޝްރޫއުގެ ނިމިފައިވަނީ އެންމެ 25 އިންސައްތަ ކަމަށާއި، ނަމަވެސް މިހާރު އެ މަޝްރޫއު ނިންމައި ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރަމުންދާ ކަމަށެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދޭ ޔަގީންކަމަކީ، މި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަމަލީގޮތުން ނިންމައި، އެތަންތަން ލިބޭ ފަރާތްތަކާ ހަވާލުކޮށްދިނުން
މި މަޝްރޫއުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުން 7,800 ފްލެޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ