ހިސާބަށްވުރެ އެއްވެސް އެއްޗެއް މާގިނައިން ފެންނަންޏާ ބޮޑުގުޅަވުމޭ ބުނެ މިސާލުޖަހާ އުޅެއެވެ. އެގޮތުން ރާއްޖޭގައި ދެވޭ އިއްޒަތް ދިނުންވެސް ބޮޑުގުޅަ ވެއްޖެ ކަހަލައެވެ. ދައުލަތުގެ ނަމުގައި އިއްޒަތް ދިނުމުގެ ބާރު މީހަކަށް އޮތަތީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައި ބީދައިން ދެވޭ އެއްޗަކަށް ގައުމެއްގައި އިއްޒަތް ދިނުން ވެގެން ނުވާނެތާއެވެ.
ވަކި ބަޔަކަށް އިއްޒަތެއް ލިބޭތީ ކަންބޮޑު ވަނީއެއް ނޫނެވެ. އިއްޒަތް ބޮޑުގުޅަވާތީ ކަން ބޮޑުވަނީއެވެ. ކޮންމެ އަހަރަކު ގައުމީ ފެންވަރުގައި ފާހަގަކުރާ ކޮންމެ ދުވަހެއްގެ ރަސްމީ ބަޔަކަށް އިއްޒަތްދިނުން ހަދައިފިއްޔާ އިއްޒަތް ބޮޑުގުޅަ ނުވެއެއް ނުހުންނާނެއެވެ. އިއްޒަތް ބޮޑުގުޅަ ވީވީނުން އެ އިއްޒަތް ނިސްބަތްވާ ގައުމީ ބަތޮލުންނަށްވެސް ހުތުރުވާ ވަރަށް ބޮޑުގުޅަ ވީމާ ކަމަކު ނުދާނެއެވެ.
ރާއްޖޭގެ ނިސްބަތުގައި ނިޝާން ގާޒީގެ އިއްޒަތާއި ނިޝާން އިއްޒައްދީންގެ އިއްޒަތަކީ ބަޔަކަށް ހައްގުވާވަރުގެ އިއްޒަތެއް ނޫނެވެ. ހާލަކުންވެސް އެވަރު މީހަކުނެތެވެ. ހުރިހާ ގޮތަކުންވެސް ގައުމީ ހިދުމަތުގައި ދެވަނައެއް ނެތްފަދަ މީހަކަށް ނޫނީ އެއްޔަކީ ހައްގުވާ ވަރުގެ އިއްޒަތެއް ނޫނެވެ، އައު އީޖާދެއްކޮށް ރައްޔިތުންނަށް އޭގެ އުފާވެރިކަމާއި މަންފާ ދާއިމީ ގޮތެއްގައި ލިބޭވަރުގެ މޮޅުކަމެއް ކުރި މީހަކުނެތެވެ. ދުނިޔޭގެ ނިސްބަތުން ގައުމަށް ދާއިމީ ރީތި ނަމެއް ހޯދާދެވުނު މީހަކުވެސް ނެތެވެ.
އާދަޔާ ހިލާފު އާދަ ފޫއަޅުވަނިވި ޒާތުގެ ގައުމީ ހިދުމަތެއް ކުރި މީހަކަށް ނޫނީ އެއްޔަކީ ހައްގުވާ ވަރުގެ އިއްޒަތެއް ނޫނެވެ. ސާޅީހަކަށް އަހަރު ސަރުކާރުގެ އިސް މަގާމުތަކެއް ފުރުމަކުން ވަކި ވަރަކަށްވުރެ މުއްސަނދި ވުމަކުން ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ އިއްޒަތެއް އެއްވެސް މީހަކަށް ދޭކަށް ނުޖެހެއެވެ. އެއިރަކު ހުންނަ ރައީސަކު އެންޓަޓައިން ކުރަން ކުރާ ކަމަކަށް އިއްޒަތް ދިނުން ވެގެން ނުވާނެއެވެ.
އަމިއްލަ ހައިސިއްޔަތުން ނުވަތަ އެނޫން ގޮތަކުންވެސް މީހަކު ކުރިކަމަކުން ގައުމަށް ހޯދާދިން އާދަޔާހިލާފު ބޮޑު ކާމިޔާބެއް ނުވަތަ ކުރިއެރުމެއްގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވަރުގެ އިއްޒަތެއް ދިނުން ހައްގެވެ. ޒަމާންތަކަކަށް ދެމިގެންދާ ގޮތަށް އެންމެނަށްވެސް ފެންނަން އޮތް ހަގީގަތަކަށް ވާންޖެހޭނެއެވެ. ފަސާދައާއި ކޮރަޕްޝަނާއި ހިޔާނާތުގެ ކުޑަވެސް ތުހުމަތެއް އެއްވެސް އިރެއްގައި ކުރެވުނު މީހަކަށްވެސް ވެގެން ނުވާނެއެވެ. ކިތަންމެ ބޮޑު މުއްސަންޖަކަސް އަބުރަށް ހުތުރުވާ ވަރުގެ ކަންކަން ކުރާކަން ތުންތުންމަތީން ދެކެވޭ މީހަކަށްވެސް އެމީހަކު ވެގެން ނުވާނެއެވެ.
އިލްމުވެރިކަމާއި އުފެއްދުންތެރިކަމާއި އައު އިޖާދުގެ ކަންފުޅެއްވެސް ނެތް މިކަހަލަ ގައުމެއްގައި އާބާދީގެ ނިސްބަތުން ބޮޑު ބަޔަކަށް ގައުމީ އިއްޒަތް ލިބިފައި ތިބި މީހުން ގިނަ ގައުމަކަށް ރާއްޖެވާނެއެވެ. ގައުމުން އެ ކުރިއެރުމާއި އެނަފާ ނުފެންނައިރު ކޮންމެ އަހަރަކު އެތައް ބަޔަކަށް ބަންޑާރައިން އިއްޒަތް ދޭތީ އަންތަރީސްވެއެވެ.
ދައުލަތުންދޭ ބަންޑާރަ އިއްޒަތް ބޮޑުގުޅަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ