އަންނަ ސީޒަނުގައި ސިފާއުވެސް ފެންނާނީ ވިކްޓްރީން

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީ ސްޕޯޓްސް ކުލަބުން އެ ކުލަބްގެ ސްކޮޑް ވަރުގަދަ ކުރުމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ފުލްބެކް ހުސެއިން ސިފާއު ޔޫސުފް ގެ ސޮއި ހޯދައިފިއެވެ.
މާޒިޔާ ދޫކޮށް ސިފާއު ވިކްޓްރީއާ ގުޅުނުއިރު، މިއީ އަންނަ ސީޒަނުގައި ވިކްޓްރީއާ ގުޅުނު. ފަސްވަނަ ކުޅުންތެރިއާއެވެ. މީގެ ކުރިން ވިކްޓްރީ އިން ވަނީ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު) ގޯލްކީޕަރު، އަހުމަދު ޝަފީއު (ޗެކް)، ހުސެއިން ނިހާން (ނިހާޓް) އަދި ހިސާމް ސަލީމް (ކޮކީ) ގެ ސޮއި ވެސް ހޯދައިފަ އެވެ.
ސިފާއު އެންމެ ފަހުން ފެނިގެންދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މީގެ ކުރިން ކްލަބް އީގަލްސް އަށް ކުޅެ އެ ޓީމުގެ ކެޕްޓަނުގެ ޒިންމާ ވެސް އަދާކުރި ސިފާއު މާޒިޔާއާ ގުޅުނީ 2023 ވަނަ އަހަރުގައެވެ. ސިފާއު ވިކްޓްރީ އަށް ބަދަލުވީ މާޒިޔާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުންނެވެ.
ސިފާއު އޭނާގެ ސީނިއާ ކެރިޔަރު ފެށީ 2013 ވަނަ އަހަރު ކްލަބް އީގަލްސް އިންނެވެ. އެ ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕުގެ ގިނަ މުބާރާތްތަކެއް ސިފާއު ކާމިޔާބުކުރިއިރު، 2016 ވަނަ އަހަރު އީގަލްސް އިން ގައުމީ ތަށި ހޯދިއިރު، ސިފާއު އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.
މީގެ އިތުރުން ސިފާއު ވަނީ ގައުމީ ފުޓުބޯޅަ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ ޑިފެންސްގައި މޮޅަށް ކުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ