ހިޔާނާތުގެ ދައުވާއަށް ކާށިދޫ ދާއިރާގެ މެންބަރު އިންކާރު ކުރައްވައިފި

މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދު ހިޔާނާތްތެރިވިކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިސްމާއިލް އަބްދުލް ހަމީދު މިއަދު އިންކާރުކުރައްވައިފި އެވެ. މި މައްސަލައިގައި އޭނާ އިންކާރު ކުރެއްވުމުން ގާޒީ ވަނީ މި މައްސަލަ ސާބިތު ކުރަން ބޭނުންވާ ހެކި ހުށަހެޅުމަށް ދައުލަތަށް އަންގައިފި އެވެ.މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހެކި ހުށަހަޅަން އެންގުމުން ދައުލަތުން ބުނީ މައްސަލައިގައި ކުރިއަށް ވަޑައިގެންނެވި ވަކީލު ބަދަލުވެފައިވާތީ ލިޔުންތައް އިތުރަށް ބެލުމަށް ފަހު ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ. ގާޒީ މިއަދު ވަނީ އެ ފުރުސަތު ދައުލަތަށް ދެއްވައިފަ އެވެ.މީގެ އިތުރުން އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދިފައިވޭތޯ ސާފުކުރުމަށް ޖިނާއީ ކޯޓުން ކުރީގެ ޝަރީއަތުގެ މަޖިލީޖުގައި އެދިފައިވާތީ އޭސީސީގެ ސިޓީއެއް ދައުލަތުން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. އެކަން ސާފު ކުރަން ޝަރީއަތުން އެންގީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އޭސީސީން ނޫން ކަމަށް ބުނެ އިސްމާއީލް އަބްދުލް ހަމީދުގެ ފަރާތުން ކުރިން ނުކުތާއެއް ފާހަގަ ކޮށްފައިވާތީ އެވެ. މިއަދުގެ ޝަރީއަތުގައި އިސްމާއިލް އަބްދުލް ހަމީދުގެ ފަރާތުން ވަނީ ހިޔާނާތުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރަނީ މުނިސިޕަލްޓީ އަށް ބޭރުން ގަނެގެން ރާއްޖެ ގެނައި އުފުއްޔެއްގެ މައްސަލާގަ އެވެ. ދައުލަތުން ބުނަނީ އެ އުފުލި ގެނައުމުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ކުރައްވާފައިވާކަމަށެވެ.އިސްމާއީލް އަބްދުލް ހަމީދަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު އެމްޑީޕީ އަށް ސޮއި ކުރައްވެވި މެންބަރެކެވެ. މިހާރު އޭނާ ވަނީ އެ ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ