އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުން އަވަސްކުރަން މަޝްވަރާކުރައްވައިފި
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔުޝް ގޯޔަލްއާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ. މިނިސްޓަރު އިރުތިޝާމް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި އަދި ޚާއްސަ ގުޅުން ދެމެހެއްޓުމާއި، މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވުނީ، ދެ ގައުމުގެ ދެމެދުގައި ވުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތައް ހަލުވިކޮށް، އެކަން ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ. https://x.com/IruthishamAdam/status/2054622350084317601 މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައިވާ އިންވެސްޓްމަންޓް އެއްބަސްވުން ނުވަތަ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި އިގްތިސާދީ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ޓަކައި، ވިޔަފާރިއާއި ފައިސާގެ މުއާމަލާތްތައް ހަމަޖެއްސުމުގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ނުވަތަ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ. https://sun.mv/221939 މިނިސްޓަރު އިރުތިޝާމް އާއި އިންޑިއާގެ ކޮމާސް މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ ދެ ގައުމުގެ އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަން ހާސިލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި ބާރުއެޅުއްވިއެވެ. މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން އިންޑިއާ އެކު ބާއްވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ