ނެއްލައިދޫން ކަރަންޓް ކެނޑޭ މައްސަލާގައި މުޒާހަރާކުރަނީ
ހދ. ނެއްލައިދޫން ކަރަންޓް ކެނޑޭ މައްސަލާގައި ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފަށައިފި އެވެ. ކައުންސިލް މެމްބަރު ފާރޫގް އާދަމް ވިދާޅުވީ މިއަދު ހެނދުނު ރަށުގެ ގިނަ ބަޔަކު މުޒާހަރާ އަށް ނިކުތީ އެ ރަށުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވުމުން ކަމަށެވެ. ރަށުގައި ބޭނުންކުރާ ދެ އިންޖީނުގައި މައްސަލަ ޖެހި އެ ރަށުގެ ހުރިހާ ސަރަހައްދަކަށް އެއްފަހަރާ ކަރަންޓް ނުދެވޭތާ ހަ މަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފާރޫގް ވިދާޅުވީ އެ ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދެވެނީ އެކި ގަޑިގަޑީގައި ކަމަށާއި ރަށުގެ ބޮޑު ސަރަހައްދެއްގައި ރެއިން ފެށިގެން ކަރަންޓް ނެތް ކަމަށެވެ. ނެއްލައިދޫގެ ކަރަންޓުގެ މައްސަލާގައި އެ ރަށު ބަޔަކު މިއަދު މުޒާހަރާ ކުރަނީ.---ފޮޓޯ: ނެއްލައިދޫ ލައިވް "މި ރަށުގައި ބޭނުންކުރާ ދެ އިންޖީނުން މުޅި ރަށަށް ކަރަންޓެއް ނުދެވޭ. ތިން ސަތޭކައެއްހާ ގޭގައި މީހުން ދިރިއުޅެމުން އަންނައިރު ކޮންމެވެސް އެއް ސަރަހައްދެއްގައި އަބަދުވެސް ކަރަންޓެއް ނުދެވޭ. އެހެންވީމަ އަސާސީ ހިދުމަތެއް ރައްޔިތުންނަށް ނުލިބުން އެއީ،" އޭނާ ވިދާޅުވި އެވެ. ފާރޫގް ވިދާޅުވި ގޮތުގައި ބޭނުންކުރާ ދެ އިންޖީނުގެ މައްސަލަ ޖެހޭއިރަށް ކޮންމެ ފަހަރަކު ވެސް ލޯންޗެއްގައި ބަޔަކު އައިސް މައްސަލަ ހައްލުކުރަން މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް މައްސަލައަށް ހަލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ބުނިގޮތުގައި 1،200 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އެ ރަށުގައި ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ތަކުރާރުކޮށް ފެނަކަ ކޯޕަރޭޝަނަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މައްސަލަ އަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ