މެމްބަރު ކަމުގެ ހުވާ ޝަރީފު ކުރައްވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފު މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފަ އެވެ. ޝަރީފު ވާހަކަ ދެއްކެވީ ލާމަރުކަޒީ ގާނޫނަށް ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހާ ބެހޭ ގޮތުންނެވެ. ހެނދުނު 30: 8 ގައި މަޖިލީހުގެ އިދާރާގައި ޝަރީފު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނާއިބު ރައީސް އަހުމަދު ނާޒިމްގެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ޖުމްހޫރީ ޕާޓީގެ އަބްދުﷲ ޖާބިރު ކާމިޔާބުކުރެއްވި ނަމަވެސް އޭނާ މެމްބަރު ކަމުގެ ހުވާ ކުރެއްވުން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 00: 5 ގަ އެވެ. މަޖިލީހުގެ އިދާރާ އިން ބުނިގޮތުގައި ޖާބިރު ހުވާ ކުރެއްވުން މާދަމާ އަށް ހަމަޖައްސާފައި ވަނީ މިވަގުތު އޭނާ ރަށުގައި ނޫޅުއްވާތީ އެވެ. ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަން ޝަރީފު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާއާ ވާދަކުރައްވައި 429 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. ޝަރީފަށް 1،756 ވޯޓު ލިބިވަޑައިގެންނެވިއިރު މުސްތަފާ އަށް ލިބިވަޑައިގަތީ 1،327 ވޯޓެވެ. ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ޖާބިރު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ހަލީމް (ދޮންބިލެތް) ވާދަކުރައްވައި 188 ވޯޓުގެ ތަފާތަކުންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 1،107 ވޯޓެވެ. ދޮންބިލެތް އަހުމަދު ހަލީމަށް ލިބިވަޑައިގަތީ 919 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ