އާ ސިރީގައި ޗެޓްތައް އަމިއްލައަށް ފޮހެވޭ ފީޗާއެއް ހިމަނަނީ!
އެޕަލް އިން އަލުން ފަރުމާކޮށްގެން ނެރޭ ސިރީ އެޕްލިކޭޝަނަށް، އެހެން އޭއައި ޗެޓްބޮޓްތަކާ ވާދަކުރުމުގެ ގޮތުން ޚާއްޞަ ފީޗާއެއް ތައާރަފުކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލްގެ މެސެޖަސް އެޕުން ފެންނަ ފަދައިން، ސިރީގައި ކުރާ ޗެޓްތައް އަމިއްލައަށް ފޮހެވިގެންދާ ފީޗާއެއް އާ ސިރީގައި ހިމެނުމަށް އެޕަލް އިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޗެޓް ލޮގްތައް 30 ދުވަސް، އެއް އަހަރު ނުވަތަ ދާއިމީކޮށް ބަހައްޓާނެ ގޮތް އިޚްތިޔާރު ކުރުމުގެ ސެޓިންއެއް ޔޫޒަރުންނަށް ލިބިގެންދާނެ ކަމަށް ގާމަން ބުނެފައިވެއެވެ. https://sun.mv/221626 މީގެ އިތުރުން، ސިރީ ހުޅުވޭއިރު ކުރީގެ ވާހަކަތަކުގެ މައުލޫމާތުތަކާ އެކު ހުޅުވޭނެ ގޮތް ނުވަތަ މުޅިން އާ ޗެޓެއްގެ ގޮތުގައި ހުޅުވޭނެ ގޮތް ހެދުމުގެ އިޚްތިޔާރު ވެސް ލިބޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ޗެޓްލޮގްތައް އަމިއްލައަށް ފޮހެވޭގޮތް ހެދުމަކީ ބޮޑެތި ލާޖް ލެންގުއޭޖް މޮޑެލްތަކަށް (އެލްއެލްއެމް) އޮތް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ގިނަ އޭއައި މޮޑެލްތަކުން ޔޫޒަރުންގެ ޒާތީ މައުލޫމާތުތައް ބޭނުންކޮށްގެން އެ މޮޑެލްތަކުގެ ފެންވަރު ރަނގަޅުކޮށް، މުސްތަޤްބަލުގައި ދޭނެ ޖަވާބުތައް ތައްޔާރުކުރަން ބޭނުންވާތީއެވެ. އެކަމަކު އެޕަލް އިން އޭއައި ތަމްރީނުކުރުމުގައި ގެންގުޅެނީ މާ ހަރުކަށި އުސޫލެކެވެ. އެގޮތުން އެޕަލް އިން އޭއައި ތަމްރީނުކުރުމަށް ހަގީގީ ޔޫޒަރުންގެ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރަނީ "ސިންތެޓިކް ޑޭޓާ" ކަމަށް ގާމަން ބުނެއެވެ. އެހެންކަމުން، އެޕަލްގެ އޭއައި އެހެން ވާދަވެރިންނަށްވުރެ ފަހަތުގައި އޮތް އޮތުމަކީ ޔޫޒަރުންގެ ޕްރައިވެސީ ނުވަތަ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމަށް އެޕަލް އިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ބުނެ، އެޕަލް އަށް މާކެޓިންގައި މީގެ ފައިދާ ނެގިދާނެއެވެ. ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމަކީ އެޕަލް އިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. މިއާ ޚިލާފަށް، އޭއައި ޗެޓްބޮޓްތަކުގެ ކުރު ތާރީޚަށް ބަލާއިރު، ޖިނާއީ މައްސަލަތަކާއި ކޯޓު މައްސަލަތަކުގައި ބައެއް ކުންފުނިތަކުން ޔޫޒަރުންގެ ޗެޓްލޮގްތައް ކޯޓުތަކަށް ހުށަހަޅާފައި އެބަހުއްޓެވެ. ބައެއް ވާދަވެރި ކުންފުނިތަކުން، މިސާލަކަށް ޗެޓްޖީޕީޓީގެ "ޓެމްޕަރަރީ ޗެޓް" ފަދަ އިންކޮގްނިޓޯ މޯޑުތައް ހުށަހެޅި ނަމަވެސް، އެޕަލްގެ ވިސްނުމަކީ ޕްރައިވެސީ ރައްކާތެރިކުރުމަކީ އިޚްތިޔާރީ ސެޓިންއެއްގެ ބަދަލުގައި، ސިސްޓަމްގެ ތެރެއިން އޭގެ ޒާތުގައި ހިމެނިފައިވާންޖެހޭ ކަމެއް ކަމަށް ހެދުމެވެ. މި އާ ސިރީ ފެނިގެންދާނީ އަންނަ ޖޫން މަހުގެ 8 ގައި ފެށުމަށް ހަމަޖެހިފައިވާ އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ