ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންސާފުވެރި އަދި ދެފުށް ފެންނަ ޝަރީއަތެއް ލިބުމުގެ ހައްގާއި، 141 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމުގެ އަސާސަށް ބަލާއިރު، ޝަރުއީ މަރުހަލާތަކަކީ އާންމުންނަށް ހުޅުވާލެވިފައިވާ ކަންކަމަށް ވާންޖެހެއެވެ.
ޝަރުއީ ދާއިރާގެ ދެފުށް ފެންނަ ގޮތްވުމަކީ ހަމައެކަނި އިދާރީ އުސޫލެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ނިޒާމުގެ ސައްހަކަން ކަށަވަރުކޮށްދޭ ކަމެކެވެ. ކޯޓުތަކަށް އާންމުންގެ އިތުބާރު ލިބި، ހުތުމަތްތެރި ތަނަކަށް ވާނީނީ ސިއްރުވެރިކަމުގެ ބަދަލުގައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި އުސޫލުތަކެއްގެ ތެރެއިންނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނާ ގޮތުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް ފާޑުކިޔުމާއި، ފާރަވެރިވުމަށް ހުށަހެޅިފައި ތިބެންޖެހޭނެ ބައެކެވެ. ސަރުކާރާއި، ދައުލަތުގެ މުއައްސަސާތަކާއި، އަދި ސިޔާސީ ވެރިންނަށް ފާޑުކިޔުން ހުއްޓުވުމަށް އެއްވެސް ގާނޫނެއް ނުވަތަ އަމުރެއް ބޭނުންކޮށްގެން ނުވާނެކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ބުނެއެވެ.
ދައުލަތުގެ މަސްއޫލުވެރިންނަށް ރައްދުވާ ފާޑުކިޔުންތަކުން ނުވަތަ ތުހުމަތުތަކުން އެބޭފުޅުންގެ އަބުރު ސަލާމަތްކުރުމުގެ ނަމުގައި ނެރޭ ހަރުކަށި އަމުރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާހި ލާފު ކަންކަމެވެ. އެފަދަ ފިޔަވަޅުތަކަކީ ހަމައެކަނި އިޖުރާއީ ނިންމުންތަކެއް ނޫން ކަމަށާއި މިއީ ދައުލަތުން އަމިއްލައަށް އިހުތިޔާރުކޮށް ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް އުނިކަން އަންނާނެހެން ނެރޭ ގާނޫނުއަސާސީއާ ހިލާފު ހުރަސްތަކެއް ކަމަށްވެސް ހިއުމަން ރައީޓްސް ކޮމެޓީން ބުނެއެވެެ.
ގާނޫނުއަސާސީގެ ނަޒަރުން ބަލާއިރުވެސް އެފަދަ ހަނިކުރުންތަކަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެތައް ހައްގަކަށް ސީދާ ގޮތުން އަސަރުކުރާ ކަންކަމެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން، ތިމާގެ ދެކޭގޮތް ފާޅުކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މި ހައްގަކީ ހަމައެކަނި ވާހަކަދެއްކުމުގެ މިނިވަންކަމެއް ނޫނެވެ. އޭގެ ތެރޭގައި ދައުލަތުގެ ނުފޫޒެއް ނެތި މައުލޫމާތު ހޯދުމާއި، ލިބިގަތުމާއި، އަދި ފެތުރުމުގެ ޑިމޮކްރެޓިކް ހައްގު ހިމެނެއެވެ. މީގެ އިތުރުން ވެސް 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހަބަރާއި މައުލޫމާތާއި ފެންނަގޮތްތަކާއި ހިޔާލުތައް ޝާއިއުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ސެންސަރުކުރުން ގާނޫނު އަސާސީ ވަނީ މަނާކޮށްފައެވެ.
ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އަސާސީ ހައްގެއް ހަނިކުރެވޭނީ މިނިވަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެފަދަ ހައްގެއް ހަނިކުރުން ހަމަޖެހޭ މިންވަރަށްވުރެ ބޮޑުނުވާނެ ގޮތެއްގެ މަތިން ގާނޫނަކުންނެވެ. ދައުލަތުގެ މަސްއޫލުވެރިންނާއި، ވެރިކަން ހިންގުމާއި، ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން އާންމުން ވާހަކަދެއްކުން ހުއްޓުވުމަށް ނެރޭ "ގެގް އޯޑާ" ތަކަކީ، އެއްވެސް އިމެއް ނެތް އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި ބޭނުންވާ ފާޅުކަން ބޮޑު ބަހުސްތަކަށް ހުރަސްއަޅާ ކަންކަމެވެ.
ކޯޓުތައް ހުރުމަތްތެރިވާނީ ނެރޭ ގެގް އޯޑަރ ތަކަކުންނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ