ޕީޕީއެމުން އުމަރު ވަކިކުރަން ސުލޫކު ކޮމިޓީން ނިންމައިފި

ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިސްލާހުވެވަޑައިގެންނެވުމަށް ދިން މުއްދަތުގައި އެކަން ނުކުރެއްވި ކަމަށް ބުނެ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން ޕާޓީގެ ސުލޫކު ކޮމިޓީން އިއްޔެ ނިންމާފައިވާ ކަމަށް "ހަވީރަ"ށް ކަށަވަރުވެއްޖެ އެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ކޮމިޓީން ވެސް އަދި ޕީޕީއެމުން ވެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ނަން ހާމަކުރަން ބޭނުން ނުވާ ޕީޕީއެމްގެ އިސް މެމްބަރަކު މިއަދު ވިދާޅުވީ އުމަރު ވަކިކުރަން ސުލޫކު ކޮމިޓީން ނިންމި ނަމަވެސް އެކަން އެންޑޯޒް ކުރާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ކައުންސިލުން އެކަން އެންޑޯޒް ކުރުމުގެ ކުރިން މީޑިއާގައި އެއްޗެއް ބުނަން ކޮމިޓީން ބޭނުން ނުވާ ކަމަށް އެނގިފައިވެ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިސްލާހުވެވަޑައިގަތުމަށް ސުލޫކު ކޮމިޓީން އުމަރަށް ދިނީ އެއް ހަފުތާ އެވެ. އަދި އެ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 15 ގަ އެވެ. ސުލޫކު ކޮމިޓީން ކުރިން ބުނެފައި ވަނީ އުމަރަށް ދިން ހަފުތާއެއްގެ މުއްދަތުގައި އޭނާ އިސްލާހުވެވަޑައިގަތް ކަމަށް ބަލާނީ ޕާޓީ އާއި ޕާޓީގެ މެމްބަރުންނަށް "ކުޑައިމީސްވާ ގޮތަށް" އެއްޗެއް ވިދާޅުނުވެ ހުންނެވުމުން ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އަމަލީ ގޮތުން އެކަން ދެއްކެވުމަކީ ވެސް އިސްލާހުވުން ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ. އެކަމަކު އުމަރު ވިދާޅުވެފައި ވަނީ ކޮމިޓީން އެ ބުނާ "އިސްލާހު" ވުމަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މިހާރު ވެސް ހުންނެވީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރޭގައި ކަމަށެވެ. އުމަރު ވިދާޅުވެފައި ވަނީ ޕީޕީއެމުން ވަކިކުރިޔަސް "އެކޮޅުކޮޅުން އެލުވިޔަސް" ހައްގު ބަސް ބުނުން ހުއްޓާނުލާނެ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ "އަޅުގަނޑު ކަނޑާލިޔަސް ޕީޕީއެމްގެ ދޮރުމަތީގައި މަޑުކޮށްގެން ހުންނާނަން" ކަމަށެވެ. އަދި އުމަރު ވިދާޅުވެފައި ވަނީ ޕީޕީއެމްގައި އަޅާފައިވާ "ކަތުރުފަނި ސާފުކޮށްފައި ނޫނީ" މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ