ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން، އަދިވެސް މިދަނީ ކުރިއަށް: ރައީސް

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަކީ، ދުންފަތާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކުން ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި، އެއީ ދުޅަހެޔޮ ވަށާޖެހޭ މުޖުތަމަޢެއް ބިނާކުރުމަށް އެކުލަވާލާފައިވާ ފުޅާ އަދި މަރުހަލާތަކަށް ބެހިފަވާ ދިގު މުއްދަތުގެ މަސައްކަތެއެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތާ ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތާ ޚިލާފަށް ސިނގިރޭޓް ޑިއުޓީ ކުޑަކުރަން ނިންމެވީ ކަމާބެހޭ މާހިރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކޮށް، ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ.
”މި ބިލު ހުށަހެޅީ ވަރަށް ތަފްސީލީ ދިރާސާތަކަކަށްފަހު، ކެބިނެޓާއި މާހިރުންނާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު،“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ތަޞައްވުރަކީ މަރުޙަލާތަކަކަށް ބަހާލައިގެން، ރޭވުންތެރިކަމާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން، ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށް ޓަކައި ’ޖެނެރޭޝަނަލް ޓޮބެކޯ ބޭން‘ ތަޢާރަފްކުރުމާއި، މުޅި ރާއްޖޭގައި ވޭޕްކުރުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން. މިއީ ކުރިއަށް އެޅި ފިޔަވަޅެއް،“ ޑިއުޓީ ކުޑަކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އައު އުސޫލުގެ ދަށުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވާ ތަކެއްޗާއި ވަސީލަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށާއި އަދި ދުންފަތާ ދުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަމާއި ޤައުމީ ފެންވަރުގެ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހު ވޭޕް މަނާކުރުމަށްފަހު، ސިނގިރޭޓް ޑިއުޓީ 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި ވަނީ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ބަދަލަކީ ދުންފަތް ކޮންޓްރޯލް ކުރުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މެދުގައި ހަމަހަމަކަމެއް ޤާއިމުކުރުމަށް ނިންމި ނިންމުމެކެވެ. މި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ