ދިވެހިރާއްޖެ - އިންޑިއާ: 60 އަހަރުގެ ގުޅުން

ދުނިޔޭގެ ސިޔާސީ މަޝްރަހަށް ކިތަންމެ ބަދަލުތަކެއް އައި ނަމަވެސް، ޤައުމެއް އޮންނަ ސަރަހައްދަކީ އެ ޤައުމެއްގެ މުސްތަގުބަލު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އަސާސެވެ. މިއީ ބަދަލުނުވާނެ ހަޤީގަތެކެވެ. ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ނަމަވެސް، ގުދުރަތީ ރީތިކަން ލިބިފައިވާ ޖަޒީރާ ޤައުމެކެވެ. ރާއްޖޭގެ ކުރިމަގު ބިނާވެފައިވަނީ އިންޑިއާ ކަނޑުގެ އަމާންކަމާއި ރައްކާތެރިކަމުގެ މައްޗައްކަމަށްވާއިރު، ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ، މި ސަރަހައްދުގައި ރާއްޖެއަށް ހާއްސަ އަހަންމިއްޔަތުކަމެއް ލިބިގެންދާ ސަބަބެކެވެ. ގިނަ ޤައުމުތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓެނީ މި ސްޓްރެޓީޖިކް މަގާމުގެ ސަބަބުންނެވެ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނުއިރު، ފާއިތުވި ދުވަސްތަކުގެ ތަޖުރިބާއިން އެނގެނީ، ސިޔާސީ ވިސްނުންތަކަކީ ވަގުތީ އެއްޗެއް ކަމެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ޖިއޮގްރަފީގެ ގުޅުމާއި އިގްތިސާދީ މަސްލަހަތުތަކަކީ ދާއިމަށް ދެމިގެންދާނެ ކަންކަމެވެ. ޚާރިޖީ ހަގީގަތް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އެންމެ ބޮޑު ލޮޅުމެއް އެރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުންނެވެ. މި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ބޭރު ޤައުމުތަކާ އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށް، ޒަމާންވީ އެކުވެރިކަމަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އުފެދުނެވެ. ބައިނަލްއަގުވާމީ މަސްރަހުގައި އާންމުކޮށް ކަން ހިނގާ އުސޫލުން ބަލާއިރު، އިންޑިއާ ފަދަ ބާރުގަދަ ޤައުމަކުން މިފަދަ ހާލަތްތަކުގައި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކަހެރިކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އިންޑިއާއިން އިސްކުރީ ބަދަލުހިފުމުގެ ބަދަލުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަކޮށް، ދުރުވިސްނޭ ސިޔާސަތެއް ގެންގުޅުމަށެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "މަހާސާގަރް" (MAHASAGAR) ވިސްނުމުގެ ދަށުން، އިންޑިއާއިން މަސައްކަތް ކުރީ ބާރުގަދަ ޤައުމެއްގެ ގޮތުގައި ނުފޫޒު ފޯރުވުމުގެ ބަދަލުގައި، ސަރަހައްދީ ހަމަޖެހުން ޤައިމުކުރާ ބާރެއްގެ ގޮތުގައެވެ. ރާއްޖެއަށް ދަރަނި ނުދެއްކި، 500 މިލިއަން ޑޮލަރުގެ ސުކޫކް ޑިފޯލްޓްވުމުގެ ބިރު އޮތް ދަނޑިވަޅުގައި، އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ޤާނޫނީ އިމުގެ ތެރެއިން ރާއްޖެއަށް ބޭނުންވި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މުހިންމު ފުރުސަތެއް ލިބިގެންދިޔައެވެ. އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މާލީ އެހީތަކުގެ ތަފްސީލަށް ބަލާއިރު، ސާކް ފެސިލިޓީގެ ދަށުން 320 މިލިއަން ޑޮލަރާއި، ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 565 މިލިއަން ޑޮލަރު ހިމެނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ޤައުމު ބަނގުރޫޓުވުމުގެ ބިރުން ސަލާމަތްވެ، ތަކެތީގެ އަގު އުފުލުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބުނެވެ. އަދި މިއީ ތަރައްޤީގެ މުހިންމު މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ. މީގެ އިތުރުން، އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކަށް ރާއްޖެއިން އަހަރަކު ދައްކަންޖެހޭ ދަރަނި ވަނީ 40 އިންސައްތައަށް ކުޑަކޮށްދީފައެވެ. މި ނިންމުމުގެ ސަބަބުން އިންޑިއާގެ އެތެރޭގެ ސިޔާސީ މަސްރަހުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެ ޤައުމުގެ ސަރުކާރުން ވަނީ އެކަމަށް ކެތްތެރިކަން އިސްކޮށްފައެވެ. މީގެން ދޭހަވަނީ ވަގުތީ ސިޔާސީ ހަލަބޮލިކަމަށްވުރެ، ދެ ޤައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުމާއި ރާއްޖޭގެ މާލީ ހަމަޖެހުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ބޮޑުކަމެވެ. ކާރިސާތަކުގެ ތެރެއިން އުފެދުނު ގުޅުން މާލެއާއި ނިއުދެއްލީގެ މެދުގައި އޮތް ގާތް ގުޅުމަކީ އިންސާނީ އެހީތެރިކަމާއި، ޒަރޫރީ ބޭނުންތަކާއި، އަދި ސިއްހީ ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ. ކޮންމެ ނުރައްކާތެރި ހާލަތެއްގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އިންޑިއާކަން ހާމަކޮށްދޭ ތާރީހީ ގިނަ ހާދިސާތަކެއް ހުރި ނަމަވެސް، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން މިސާލެއް ބަލާލާނަމެވެ. މިގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު (އަދި 11 ނޮވެމްބަރުގެ ކުރިން ހިނގި ހާދިސާތަކުގައި)، މަދު ދިވެހިންތަކަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެން ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ދިން ނިރުބަވެރި ހަމަލާގައި، އިންޑިއާއިން ވަނީ 'އޮޕަރޭޝަން ކެކްޓަސް' ގެ ދަށުން ވަގުތުން ސިފައިން ފޮނުވާފައެވެ. އެ ޤައުމުގެ ވައިގެ އަދި ކަނޑުގެ ސިފައިން ކުރި މަސައްކަތުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު މާލޭގެ ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެއިން ފެނުގެ ހިދުމަތް މެދުކެނޑުނު ނުރައްކާތެރި ދަނޑިވަޅުގައި، އިންޑިއާއިން ވަނީ 'އޮޕަރޭޝަން ނީރު' އިިއުލާނުކޮށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް މެދުވެރިކޮށް ބޯފެން ފޯރުކޮށްދީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވި އެ ބޮޑު ތަކުލީފުން ސަލާމަތްކޮށްދިނުމުގައި އިންޑިއާ ވެގެންދިޔައީ އެންމެ މުހިންމު ބައިވެރިޔާއަށެވެ. ހަމައެއާއެކު، 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ބައިނަލްއަގުވާމީ ދަތުރުފަތުރުތައް ހުއްޓިފައި ވަނިކޮށް، 'އޮޕަރޭޝަން ސަންޖީވަނީ' ގެ ދަށުން ރާއްޖެއަށް ބޭނުންވާ ވެކްސިނާއި ޒަރޫރީ ބޭސްފަރުވާގެ ސާމާނު އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ. މި ހުރިހާ ހާދިސާތަކަކުން ސާބިތުވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އިންޑިއާއިން ދޭ ބޮޑު އަހަންމިއްޔަތެވެ. އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުން ޤައިމުކުރުމުގައި ދިވެހިރާއްޖެއަކީ އެންމެ މުހިންމު ބިންގާ ކަމުގައިވާތީ، ރާއްޖޭގެ ސަލާމަތަކީ މުޅި ސަރަހައްދުގެވެސް މަސްލަހަތާ ގުޅިފައިވާ ކަމެކެވެ. ފާލަންތަކާއި، އެއާޕޯޓްތަކާއި، އަދި ހިމޭން ސަލާމަތްތެރިކަން މިއަދު ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބަލާލާއިރު، އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މީގެ އެތައް އަހަރެއް ކުރިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފެށި މި އެކުވެރިކަން، މިހާރު ވަނީ ބިޔަ އިންޖިނިއަރިންގ މަޝްރޫއުތަކަކަށް ބަދަލުވެފައެވެ. މީގެ އެންމެ މުހިންމު އެއް މިސާލަކީ މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ 'ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް' އެވެ. މީގެ އިތުރުން، ސިއްހީ ދާއިރާ ކުރިއެރުވުމަށާއި، އުތުރުގެ އިގްތިސާދީ މައި ހަބެއްގެ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ފޯރުކޮށްދީފައިވާ 136 މިލިއަން ޑޮލަރުގެ ލޯނު އެހީ ފާހަގަކޮށްލެވެއެވެ. އުމްރާނީ މަސައްކަތްތަކުގެ އިތުރުން، ދެ ޤައުމުގެ މެދުގައި އަސްކަރީ ގޮތުންވެސް ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ މުވައްޒަފުންނާ ގުޅޭގޮތުން ސިޔާސީ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނު ނަމަވެސް، ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމުގެ މުހިންމުކަން ބޮޑުކަމުން، ދިފާއީ ދާއިރާގެ ގުޅުންތައް އަދިވެސް ދެމިއޮތީ ވަރުގަދަކޮށެވެ. މީގެ އިތުރުން، ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ތެރެއިންނާއި، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކުރިއަށްގެންދާ "ދޯސްތީ" ތަމްރީނުތަކުގެ ޒަރީއާއިން، ދިވެހިރާއްޖެއިން ދަނީ އިންޑިއާގެ އަސްކަރިއްޔާއާއެކު ބަދަހި ގުޅުމެއް ބާއްވަމުންނެވެ. ކަނޑުގެ ސަރަހައްދު އަމާންކުރުމާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގައި އިންޑިއާއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ. ހަމައެއާއެކު، ކަނޑުފޭރުމުގެ އަމަލުތަކާއި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުން ފަދަ ކަންކަމުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބައިވެރިޔަކީ އިންޑިއާކަން ފާހަގަކުރެވެއެވެ. ދެގޮތެއްނުވާ ހަގީގަތް ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކަށް ފަހުވެސް ފެންނަން އޮތް ހަގީގަތަކީ، އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ ތެރޭގައި އޮތް ކުޑަ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް އެންމެ ގާތް އެހީތެރިއަކީ އިންޑިއާ ކަމެވެ. ބައެއް ކަންކަމުގައި ދެޤައުމުގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުއްޓަސް، ދާއިމީ ގޮތެއްގައި އެކަހެރިވެ ދެކޮޅުވެރިކަން އިސްކުރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. ރާއްޖެއިން ތަރައްޤީގެ އެކި ދާއިރާތަކުން ބޭރުގެ އެހެން ބާރުތަކާއެކު ގުޅުން ބަދަހިކޮށް، ގިނަ މިސްރާބުތަކަކަށް އަމާޒުވާ ހާރިޖީ ސިޔާސަތެއް ގެންގުޅުނު ކަމުގައިވިޔަސް، އެކަން ކުރަންވާނީ ޖަޒުބާތަށްވުރެ ބޮޑަށް ދުރުވިސްނޭ ހަރުދަނާ އުސޫލުތަކެއްގެ މަތިންނެވެ. ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި އަބަދުވެސް އޮންނަ އެންމެ މުހިންމު ޝަރުތަކީ، ދެޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބޭރުގެ ބާރުތަކަށް ރާއްޖޭގެ ސަރަހައްދުން ފުރުސަތު ނުދިނުމެވެ. އެހެންކަމުން، ރާއްޖޭގެ ކުރިމަގުގެ ސިޔާސަތުތައް ބިނާކުރަންވާނީ ހާރިޖީ މިނިވަންކަން ދަމަހައްޓަމުން، އަވަށްޓެރި ޤައުމުގެ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބޭނެ ގޮތަށެވެ. ސަބަބަކީ ވެރިކަން ބަދަލުވި ނަމަވެސް، އިންޑިއާ ކަނޑުގެ ޖިއޮގްރަފީއާއި އިގްތިސާދީ ހަޤީގަތްތަކަކީ ބަދަލުވާނެ ކަންކަމަށް ނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ