ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - މުޅިން އަލަށް ފީފާ ވޯލްޑް ކަޕެއްގައި ވާދަކުރި އުޒްބެކިސްތާނުން، މި ފަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްްޑް ކަޕްގައި ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވޯލްޑް ކަޕް ލެވަލްގެ ގައުމެއް ގޮތުގައި އޮވެ ކުރިއަށްދާން ބޭނުންނަމަ އުޒްބެކިސްތާނުން ފުޓްބޯޅަ އަށް އިންވެސްޓްކުރުން ހުއްޓައިނުލާ ކުރިއަށް ގެންދަން ޖެހޭ ކަމަށް އެ ޓީމަށް މި ވޯލްޑް ކަޕްގައި އިރުޝާދުދިން ކޯޗު، އިޓަލީގެ ފަބިއޯ ކަނަވާރޯ ބުނެފި އެވެ.
އުޒްބެކިސްތާނުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަަމަ މެޗުގައި 3-1 އިން ކޮލަމްބިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ޕޯޗުގަލް އަތުން 5-0 އިން ބަލިވި އެވެ. އަދި، ތިން ވަަނަ މެޗުގައި އުޒްބެކިސްތާނުން ލީޑުނެގި ނަމަވެސް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން 3-1 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ.
އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ކަނަވާރޯ، އުޒްބެކިސްތާންގެ ކޯޗުކަމާ ހަވާލުވީ މި އަހަރު އެވެ. އޭނާގެ ކޮންޓްރެކްޓް އޮތީ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ވޯލްޑް ކަޕްގައި އުޒްބެކިސްތާންގެ ފަހު މެޗަށް ފަހު ކަނަވާރޯ ބުނީ، ފެނިގެންދިޔަ ހަގީގަތަކީ، އެކި ގޮތްގޮތުން އަދިވެސް އުޒްބެކިސްތާން ފުޓްބޯޅަ ކުރިއަރުވަންޖެހޭ ކަމަށެވެ.
"އުޒްބެކިސްތާން ފުޓްބޯޅަ އަށް އެބަޖެހޭ ފައިސާ އިންވެސްޓްކުރަން، ހުއްޓައިނުލާ ފައިސާ ހަރަދުކުރަން އެބަޖެހޭ އެކަޑަމީތަކާއި ޔޫތު ކުުޅުންތެރިން ބިނާކުރަން. ސަބަބަކީ އެއީ ހަމައެކަނި އޮތް ގޮތަކީ، ކުރިއަށް އޮތް 20-30 އަހަރު ތެރޭ އުޒްބެކިސްތާނަށް ވޯލްޑް ކަޕްގައި ކުޅެވޭނެ،" ކަނަވާރޯ ބުންޏެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އުޒްބެކިސްތާނުން އަންނަނީ ހަގީގަތާ ކުރިމަތިލަމުން ކަމަށާއި މެޗުތަކުގައި ގޯސްތަކެއް ހެދުނު ކަމަށް ވިޔަސް އަމިއްލަ އަށް އިސްނަގައިގެން އެ ރަނގަޅު ކުރެވޭނެ ގޮތްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަނަވާރޯ ފާހަގަކުރި އެވެ. މުބާރާތުގެ ގުރުއަތުލުން ފެނުނުއިރު ވެސް ކުރިމަތީގައި އޮތް ޗެލެންޖުތައް އެނގޭ ކަމަށާއި ކުޅުންތެރިން ކުރި މަސައްކަަތް ފާހަގަކުރާ ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެވެ.
"ވޯލްޑް ކަޕަކީ މިހެން އޮންނަ ކަމެއް، މަސައްކަތް ކުރިޔަސް ނަތީޖާ ނުނެރެވިދާނެ. ކުޅުންތެރިން ހުރިހާ މަސައްކަތެއް ކުރި. އެ ޔަގީންކަން އަހަންނަށް އެބައޮތް. އަހަންނަށް ޔަގީންކަން އެބައޮތް އުޒްބެކިސްތާންގެ ކޮންމެ މީހެކޭ އެއްވަރަށް އެ ކުޅުންތެރިންނަށް ވެސް މި ނަތީޖާގެ މާޔޫސްކަން އަންނާނެ،" ކަނަވާރޯ ބުންޏެވެ.
"އެކަމަކު، މީގެއިން އިބްރަތް ހޯދައި، ލިބުނު ތަޖުރިބާއިން އިތުރަށް މަސައްކަތްކޮށްގެން އަދި ކަންކަން ބަދަލުކުރެވޭނެ،"
ފަހު މެޗުގައި، ކޮންގޯ ކައިރީގައި ލީޑު ނެގުމަށް ފަހު، އުޒްބެކިސްތާނަށް ދެ ވަނަ ހާފުގައި ކުރިމަތިވީ، ނަތީޖާ ނުނެރެވިދާނެ ކަމުގެ "ބިރު ހީވުމުގެ" މައްސަލަ ކަމަށާއި އެ ފަދަ ކަންކަން ރަނގަޅުކުރެވޭނީ މި ލެވަލްގެ ތަޖުރިބާ ލިބެމުން އަންނަ ވަރަކަށް ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެވެ.
ކަނަވާރޯ ގޮވާލީ އުޒްބެކިސްތާނުން ފުޓްބޯޅަ އަށް އިންވެސްޓްކުރުން ހުއްޓާނުލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ