ސްކޫލް ޗުއްޓީއަށް މޯލްޑިވިއަންއިން އިތުރު 300އަށް ވުރެ ގިނަ ދަތުރު ބާއްވަނީ

ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް އެތެރޭގެ އުދުހުންތައް އިތުރުކުރާނެކަން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ހާމަކޮށްފިއެވެ. މި އަހަރުގެ އެކެޑެމިކް ކަލަންޑަރުގައި އޮތް ގޮތުން، އަންނަ ޖުލައި މަހުގެ ނުވަވަނަ ދުވަހު ފުރަތަމަ ޓާމްގެ ޓެސްޓުތައް ނިމޭއިރު، އަލުން ސްކޫލް ފެށޭނީ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ. މޯލްޑިވިއަންއިން ވަނީ، އެ އެއާލައިންގެ އެތެރޭގެ ދަތުރުތައް އަންނަ މަހުގެ 10ވަނަ ދުވަހުން އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރާނެކަން އިއުލާންކޮށްފައެވެ. އެގޮތުން އެ ދުވަސްވަރު 320އަށް ވުރެ ގިނަ ފްލައިޓްތައް އިތުރުކުރާނެ ކަމަށާއި އެއީ 18،000 ސީޓުގެ އިތުރުވުމެއް ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންއިން ފާހަގަކުރި ގޮތުގައި، އިތުރުކުރާ ދަތުރުތަކާއެކު، ޗުއްޓީ ތެރޭގައި 2،000އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް އޮންނާނެއެވެ. އެއީ ގާތްގަނޑަކަށް 110،000 ސީޓުކަން އެ ކުންފުނިން ފާހަގަކުރިއެވެ. މީގެ އިތުރުން، ގިނަ މީހުންނަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބައެއް އެތެރޭގެ އުދުހުންތަކަށް އެއާބަސް އޭ320 ބޭނުންކުރާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. https://sun.mv/222677 ޗުއްޓީ ދުވަސްތަކާ ދިމާކޮށް ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުން، މޯލްޑިވިއަންއިން ކުރާ ދަތުރުތައް އާންމުކޮށް އިތުރުކުރެއެވެ. އެގޮތުން، މިދިޔަ އީދު ބަންދުގައި ވެސް، ތާވަލުކުރި ވަރަށް ވުރެ އިތުރަށް 200އަށް ވުރެ ގިނަ އެތެރޭގެ ދަތުރުތައް ކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން މީގެ ކުރިން ބުނެފައިވެއެވެ. ފްލައިޓްގެ އިތުރުން ގިނަ ބަޔަކު އީދު ބަންދާ ދިމާކޮށް ލޯންޗު ފަހަރާއި ބޯޓްތަކުގައި ވެސް އަތޮޅުތެރެއަށް ދަތުރުކުރެއެވެ. މި ފަހަރު ޓާމް ޗުއްޓީ ދިމާވަނީ ހުޅަނގު މޫސުމުގެ ދުވަސްތަކާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ