އެމްޑީޕީގެ ލީޑަޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަން ޖެހޭނެ: ޖަނާބު

އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ފަސް އަހަރު މަޑުކުރަން ނުޖެހި ރަށްވެހިކަން ބަދަލު ކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ބަހުސް ކުރުމެވެ. އެ ބިލުގެ ބަހުސްގައި ޖަނާބު ވަނީ އެއީ ބޭރު މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. 
"އިއްޒަތްތެރި އަޚުންނަށް ރައްޓެހި ހުރިހާ މެންބަރުންނަށް ދަންނަވާލާނީ އެމްޑީޕީގެ މިވަގުތު އޮތް ލީޑާޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އަޅުގަނޑުމެން ވާނޭ ދެކޮޅު ހަދަން. ސަބަބަކީ އެ މީހުން ނިޔަތް ނުބައިކަމުންނޭ،" މަޖިލީހުގެ ތަޅުމުގައި ޖަނާބު ވިދާޅުވި އެވެ.
އެއީ "ލާދީނީ" މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ނުބައި ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ތަކުރާރުކޮށް ޖަނާބު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ބިލުގައި އެފަދަ އެއްވެސް ވާހަކައެއް ނެތެވެ. 
އެމްޑީޕީއަކީ ލާދިނީ ބައެއްގެ ގޮތުގައި ސިފަކޮށް އެ ޕާޓީން ރާއްޖޭގައި އިސްލާމް ދީން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކި ޖަލްސާތަކުގައި ޖަނާބު އަންނަނީ ތުހުމަތުކުރައްވަމުންނެވެ. އަބަދުވެސް އެ ޕާޓީން ހުށަހަޅާ ބިލުތަކާއި، ގަރާރުތަކާއި، މައްސަލަތަކަކީ "ގޯސް ނިޔަތެއްގައި" ހުށަހަޅާ މައްސަލަތަކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ޅިޔަނު ގެންދަވަނީ މަޖިލިސް ޖަލްސާތަކުގައި ތުހުމަތު ކުރައްވަމުންނެވެ. 
ދީނީ ގޮތުން ނަފްރަތު އުފެދޭ ގޮތަށް ޖަނާބު ދެއްކެވި ވާހަކަ ކުށްވެރިކޮށް އެތައް ބަޔަކު އަންނަނީ އޭނާއާ ދެކޮޅަށް ބަސް ބުނަމުންނެވެ. އެ ވީޑިއޯ ވީހާވެސް ގިނައިން ޝެއާކުރުމަށް އެދި ޖަނާބު އަންނަނީ އެކްސްގައި އެކި ޕޯސްޓުތައް ކުރަމުންނެވެ. 
"ޣައިރު ދީނުގެ އެޖެންޑާ ގެންގުޅޭ ޗެއަރޝިޕަކުން އަންނަ އެއްވެސް ކަމަކަށް އަޅުގަނޑު ދެކޮޅު ހަދާނަށް،" ޖަނާބު ލިޔުއްވި އެވެ.
މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނުގެ ފުރާނައަށް އަމާޒުކޮށް މެއި 2021،ގައި ބޮމުގެ ހަމަލާއެއް ވެސް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ