ތައިލެންޑުގައި 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނު މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނެއްގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ އުފުލައިފި އެވެ.
ޕަޓާޔާގެ ފުލުހުން ބުނީ، ތުންޗަނޮކް ޑޮންހޮމްލާގެ ހަށިގަނޑު ލާފައި އޮތް ފޮށި ފެނުނީ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ރޭލު ދަގަނޑެއްގެ ކައިރިއަށް އެއްލާލާފައި އޮއްވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، މި މަރާ ގުޅިގެން ސައިމަން ޕީޓާ ކާމަން ހައްޔަރުކުރީ ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ "ގައުމުން ފުރައިގެން ފިލަން އުޅެނިކޮށް" ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ނަމަވެސް، ކާމަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ހައްޔަރު ކުރުމުން މަރުވި ކުއްޖާގެ އާއިލާއަށް ފޮނުވި މެސެޖެއްގައި ކާމަން ބުނީ، އެ އަންހެން ކުއްޖާއަށް ދިމާވި ކަންތަކާ މެދު ދެރަވާ ކަމަށާއި، އެއީ އޭނާގެ ކޮންޓްރޯލުން ނެއްޓިގެން ހިނގި ކަމެއް ކަމަށެވެ.
އުމުރުން 17 އަހަރުގެ އެ އަންހެން ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބުރާސްފަތި ދުވަހުގެ ދަންވަރު 03:34 ހާއިރު ކާމަން އާއި ޑޮންހޮމްލާ އެކުގައި އެޕާޓްމަންޓް ކޮމްޕްލެކްސްއަކަށް ވަދެ އެވެ. އަދި އެ ދުވަހުގެ އިރުއޮއްސުނު ފަހުން، ކާމަން އެކަނި ބޭރަށް ނުކުތީ "ބޮޑު ފޮއްޓެއް ހިފައިގެން" ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އޭނާ އެ ފޮށި ސައިކަލަކަށް އަރުވައިގެން ދިޔައީ ރޭލު ދަގަނޑުތައް އޮންނަ ސަރަހައްދަށެވެ.
ޕަޓާޔާއާ ގާތްގަނޑަކަށް 150 ކިލޯމީޓަރު ދުރުގައި އޮންނަ ބެންކޮކްގެ އެއާޕޯޓުން ކާމަން ހައްޔަރުކޮށް ސުވާލުކުރީ ހޮނިހިރު ދުވަހު ދަންވަރު 01:15 ގައެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން، ފޮށީގެ ތެރެއިން އެ އަންހެން ކުއްޖާގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.
މީހަކު މަރާލުމުގެ ދައުވާގެ އިތުރުން، ހަށިގަނޑު ފޮރުވުމަށް މަސައްކަތް ކުރުމާއި، ޖިންސީ ބޭނުމަކަށްޓަކައި ކުޑަކުއްޖަކު ގެންދިއުމުގެ ދައުވާއަށް ވެސް ކާމަން ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ބުނަމުންދަނީ އެކަން ކުރީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.
މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެ ނަމަ، ކާމަންގެ މައްޗަށް މަރުގެ އަދަބު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ތައިލެންޑުގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލިކަމުގެ ތުހުމަތު އޮސްޓްރޭލިއާ ފިރިހެނަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ