އާއިލީ މައްސަލަތައް ޙައްލުކުރުމަށް އެހީވުމަށް 25 މީޑިއޭޓަރުން ތަމްރީނުކޮށްފި

އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ އާއިލީ މައްސަލަތަކަށް ޤާނޫނީ އަދި އިޖުތިމާޢީ ނަޒަރަކުން ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމަކީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިއީ ރާއްޖޭގައި އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އިޖުތިމާޢީ ކަންކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި އަދި ބިނާކުރުވަނިވި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހިންގުނު "ނެޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމަކީ އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 25 ބައިވެރިން ވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތަމްރީނުލިބިފައިވާ އާއިލީ މީޑިއޭޓަރުންގެ ވިއުގައެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.
އެގޮތުން، މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، އާއިލީ މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ (މީޑިއޭޝަން) އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ބައިވެރިން ވަނީ އަހުލުވެރިކޮށްފައިވެއެވެ. އަދި ޚާއްޞަކޮށް، ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާއިލީ މައްސަލަތައް ހައްލުކުރުމުގެ އޮނިގަނޑެއް ގާއިމުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، އިޖުތިމާޢީ ކަންކަމާއި ބެހޭ ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން. ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލާތަކުގެ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ހަރުދަނާ މުއާމަލާތްތަކާއި، މައްސަލަ ގޯސްވުމުގެ ކުރިން އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ