ކުރު މުއްދަތެއްގެ ތެރޭގައި އެމް-ފައިސާގެ 60-70 އިންސައްތަ ކަސްޓަމަރުން ޕޭޕާލްގެ ޚިދުމަތް ބޭނުންކުރަން ފަށައިފި: އުރީދޫ

ގިނަ އަހަރުތަކެއްގެ ތައްޔާރީތަކަށްފަހު، އޫރިދޫގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފަށައި، އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މިގޮތުން ޚިދުމަތް ތަޢާރަފުކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި، އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންގެ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން މިހާރުވެސް އެމީހުންގެ ޕޭޕަލް އެކައުންޓްތައް އެމް-ފައިސާއާ ގުޅާލާފައިވާ ކަމަށް އޫރިދޫއިން ބުނެއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޫރިދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް މަރިޔަމް ޝިއުނާ ވިދާޅުވީ، މި ޚިދުމަތަކީ އޫރިދޫ ފިންޓެކް އާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ފާއިތުވި ދެތިން އަހަރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުން މި މަޝްރޫޢަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޚިދުމަތުގެ ސަބަބުން ދިވެހީންގެ އުފެއްދުންތަކާއި މަސައްކަތްތައް ރާއްޖެއިން ބޭރަށް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ މާކެޓްތަކުން ފައިސާ ހޯދުމަށް މަގުފަހިވާނެއެވެ.
ޚިދުމަތް ބޭނުންކުރާނެ ގޮތާ ބެހޭގޮތުން ޝިއުނާ ވިދާޅުވީ އެމް-ފައިސާ ބޭނުންކުރާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޕޭޕަލް އެކައުންޓް އެމް-ފައިސާއާ ގުޅާލެވޭނެކަމަށެވެ. މިގޮތަށް ގުޅާލުމުން، ޕޭޕަލް މެދުވެރިކޮށް ލިބޭ ފައިސާ ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކޮށް، އެއަށްފަހު ބޭންކް އޮފް މޯލްޑިވްސް (BML) ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކް (MIB) ގެ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރެވޭނެއެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި އޫރިދޫ ނޫން އެހެން ނެޓްވޯކެއްގެ ނަންބަރެއް ގެންގުޅޭ ފަރާތްތަކަށްވެސް އޫރިދޫ ސުޕަރއެޕް މެދުވެރިކޮށް އެމް-ފައިސާ އެކައުންޓެއް ހުޅުވޭނެއެވެ. ނަމަވެސް، ޕޭޕަލް އެކައުންޓާއި އެމް-ފައިސާ އެކައުންޓްގައިވާ ނަމާއި ފޯނު ނަންބަރު ފަދަ ޒާތީ މަޢުލޫމާތު ދިމާވާންޖެހޭނެއެވެ.
ފީ އާއި ސަލާމަތީ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝިއުނާ ވިދާޅުވީ މި ޚިދުމަތަށް އޫރިދޫއިން އެއްވެސް އިތުރު ފީއެއް ނުނަގާނެކަމަށެވެ. ނަގާނީ ހަމައެކަނި ޕޭޕަލްގެ ޓްރާންސެކްޝަން ފީ އާއި ގާތްގަނޑަކަށް 1.50 އެމެރިކާ ޑޮލަރުގެ ފިކްސްޑް ޗާޖެއްކަމަށެވެ.
ސަލާމަތީ ކަންކަމާ ގުޅޭގޮތުން ޝިއުނާ ވިދާޅުވީ، ޕޭޕަލްއަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ރައްކާތެރި އެއް ޕްލެޓްފޯމް ކަމަށާއި، މި ޚިދުމަތް ތަޢާރަފުކުރީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (MMA) ގެ ހުރިހާ ރެގިއުލޭޓަރީ މިންގަނޑުތަކަކަށް ފެތިގެން ކަމަށެވެ. އެހެންކަމުން މި ޚިދުމަތަކީ ބޭނުންކުރަން ފުރިހަމައަށް ރައްކާތެރި ޚިދުމަތެކެވެ.
މި ޚިދުމަތުގެ ސަބަބުން ފޮޓޯގްރާފަރުން، ކޮންޓެންޓް ކްރިއޭޓަރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ކުރިމަގުގައި ފަތުރުވެރިންނަށްވެސް ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އޫރިދޫއިން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ