ޔޫތު ޗެމްޕިއަންޝިޕްގައި ނިއު އާއި އޮޑީގެ ކުރިމަތިލުން އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެށި 19 އަހަރުން ދަށުގެ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. 
މި މެޗާ އެކު، ހަ ޓީމު ވާދަކުރާ ޔޫތު މުބާރާތުގެ ކޮންމެ ޓީމެއް ވަނީ ފުރަތަމަ މެޗު ކުޅެފަ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރަތަމަ މެޗުގައި 8-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ވ. ކެޔޮދޫން ވަނީ 2-1 އިން ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، ނިއު އާއި އޮޑި އަށް ފުރަަތަމަ މެޗުން ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. 
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި އޮޑި އާއި ނިއު އަށް ވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ ނިއު އިން ލީޑުނެގި އެވެ. މިއީ، 51 ވަނަ މިނިޓްގައި، ނިއުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ހިލޭޖެހުމަކުން ޖެހި ގޯލެކެވެ. ވެލެންސިއާ ދޫކޮށް ނިއު އަށް ބަދަލުވެ، ޔޫތު މުބާރާތުގައި ނިއުގެ ލީޑަރެއްގެ ގޮތުގައި ނުކުމެ އީތަން މި ލަނޑު ޖެހީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. 
އޮޑިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން, ނިއުގެ ޑިފެންޑަރުން ކައިރިން ޖާގައެއް ހުސްކޮށްލުމަށް ފަހު, ގޯލުގެ ދަނޑީގައި ޖައްސާފައި އެތެރެއަށް ފޮނުވާލައިގެން, ހުސެއިން ސުހާދު ޝުހާން ޖެހި ގޯލެކެވެ. ދިވެހި ޕްރިިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް މިިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް ހެޓްރިކެއް ހެދި ޝުހާން ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ. 
ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި ދެން އެންމެ އަވަހަށް މެޗުތައް އޮތީ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ބުރު އާއި ޓީސީ ކުޅޭއިރު، އެރޭ މާޒިޔާ އާއި ނިއު އިން ވާދަކުރާނެ އެވެ. އަދި، ބުރާސްފަތި ދުވަހުގެރޭ ކެޔޮދޫން ކުޅޭނީ އޮޑިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ