ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ އައްބާސް އާދިލް ރިޒާ އާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ އަބްދުﷲ މުހައްމަދަށް ފިޔަވަޅު އަޅަން އެދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޮމެޓީއަށް ހުށަހެޅީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް ތަކުރާރުކޮށް އެ ދެ ބޭފުޅުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށެވެ. މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
މައްސަލަ ހުށަހަޅުއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ އައްބާހާއި އަބްދުﷲ ދައްކަވާ ވާހަކަފުޅު ތަކާއި ގުޅިގެން މިހާރު ވެސް ދެ ޤައުމުގެ ގުޅުމަށް ބުރޫއަރާފައިވާ ކަމަށާއި އެ ދެ ބޭފުޅުންނަކީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާތީ އެފަދަ ޒިންމާދާރުކަން ކުޑަވާހަކަތައް ހުއްޓުވަންޖެހޭ ކަމަށެވެ. އަދި މި މައްސަލަ ވީހާ އަވަހަކަށް ކޮމިޓީން ނިންމައިދިނުމަށެވެ.
ޕެޓިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވިދާޅުވީ އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައަކީ މިވަގުތަށް ވަރަށް މުހިއްމު މައްސަލައެއް ކަމަށާއި މައްސަލަ ކޮމިޓީން ބަލައި އެފަދަ ކަންކަން ނުކުރުމަށް ސަރުކާރަށާއި، އަދި އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ނަސޭހަތްތެރިވާން ޖެހޭނެ ކަމަށެވެ.
ޑީއާރްޕީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ވިދާޅުވީ ހިޔާލުފާޅު ކުރުމަކީ ޤާނޫނު އަސާސީން ވަކި ހުދޫދެއްގެ ތެރެއިން ލިބިދީފައިވާ ހައްޤަކަށްވާތީ އެ ހުދޫދުގެ ތެރެއިން ވާހަކަފުޅު ދައްކަވާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. ޕެޓިޝަން ކޮމިޓީގެ ނައިބު މުޤައްރިރުކަން ވެސް ކުރައްވާ ޔޫސުފް ނައީމް ވިދާޅުވީ ބަޔަކު ދައްކާ ވާހަކައަކާއި ގުޅިގެން އިންޑިޔާގެ މައި ސަރުކާރުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް ސަރަހައްދީ ބައެއް ސަރުކާރުތަކަށް ދިވެހިންގެ ފަރާތުން މާލީ ބޮޑެތި ފައިދާތައް ލިބެމުންދާތީ ސަރަހައްދީ ސަރުކާރު ތަކުން ދިވެހިންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީގު ޙަސަން ވިދާޅުވީ އެމްޑީޕީން ހުށަހެޅި މައްސަލަ ކޮމިޓީއަށް ބަލައިގެންފައިވަނީ މަޖިލީހުގެ ޤަވައިދާއި ޚިލާފަށް ކަމަށެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވީ މައްސަލަ ކޮމިޓީއަށް ބަލައިގަތީ މަޖިލީހުގެ އިދާރާއިން ދެއްވި ޤާނޫނީ ލަފަޔާއި އެއްގޮތަށް ކަމަށެވެ. މި އްސަލައިގައި ވަކިގޮތަކަށް އަމަލުކުރަން މިއަދު ނިންމާފައެއް ނުވެ އެވެ.
އައްބާހާއި އަބްދުﷲ އަށް ފިޔަވަޅު އަޅަން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ