52 އަހަރު ފަހުން ވޯލްޑް ކަޕަށް އައި ކޮންގޯ އިން ރޮނާލްޑޯގެ ޕޯޗުގަލް ހުއްޓުވައިފި

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކޮންގޯ އިން ޕޯޗުގަލްއާ 1-1 އިން އެއްވަރުކޮށްފި އެވެ. 
އެ ގޮތުން، 52 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުޅުނު ކޮންގޯ އިން ވަނީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށް ބެލެވޭ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅޭ ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓައިފަ އެވެ.
ކޮންގޯ އިން 1974 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނީ ޒައީރްގެ ނަމުގަ އެވެ، މިއީ، ކޮންގޯގެ ނަމުގައި އެ ޓީމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް އެވެ. 
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި މެޗުގައި ކުޅެ، ހަ ވޯލްޑް ކަޕެއްގައި ކުުޅުނު ފުރަތަމަ ޔޫރަޕްގެ ކުޅުންތެރިޔާގެ ޝަރަފް ހޯދިއިރު، މުޅި މެޗަށް ބަލާއިރު އޭނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތު ކޮންމެ ވެސް ވަރަކަށް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ. 
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ޕޯޗުގަލް އިން ލީޑުނެގި އެވެ. އެ ގޮތުން، ހަ ވަނަ މިނިޓްގައި ޕޯޗުގަލްގެ ލަނޑު ޖެހީ ޖޮއާއޯ ނެވޭސް އެވެ. މިއީ، ޕެޑްރޯ ނެޓޯ އަރިމަތިން ނަގައިދިން ހުރަހަކުން ނެވޭސް ބޮލުން ޖެހި ގޯލެކެވެ. އޭނާ ފުއްމައިގެން އަރައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލިއިރު، ކޮންގޯގެ ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 
ޕޯޗުގަލް އިން މެޗުގެ އެހާ ކުރީކޮޅުގައި ލަނޑެއް ޖަހައި، ލީޑުނެގި ނަމަވެސް ފުރަތަމަ ހާފުގެ ބާކީ ބައިގައި ޕޯޗުގަލްގެ ފަރާތުން އެޓޭކުގައި އެންމެ އެދެވޭ ކުޅުމެއް ފެނިގެންނުދެ އެވެ. ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބޭ ބޯޅަތަކުގައި ކޮންގޯގެ ކުޅުންތެރިން ވަރަށް ވިސްނުންތެރިކަމާ އެކު ޑިފެންސްކުރަމުންދިޔަ އެެވެ. 
ފުރަތަމަ ހާފުގެ ފަހުކޮޅުގައި، ކޮންގޯ އިން ވަރަށް ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަނޑެއް ޖަހައި އެއްވަރުކުރި އެވެ. މިއީ، އާތޫރް މަސުއާކޫ ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، ޖޮއާން ވިއްސާ ބޮލުން ޖެހި ގޯލެކެވެ. ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ވިއްސާ ބޮލުން ގޯލަށް ބޯޅަ ފޮނުވާލިއިރު، ޕޯޗުގަލްގެ ޑިފެންޑަރުން ތިބީ ބަލަހައްޓައިގެންނެވެ. 
ކޮންގޯ އިން ދެ ވަނަ ހާފު ފަށައިގެން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ކޮންގޯގެ ފޯވާޑް ސެޑްރިކް ބަކަމްބޫ، ފޮނުވާލި ބޯޅައެއް ޕޯޗުގަލް ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން، ޕޯޗުގަލްގެ ޖޮއާއޯ ކަންސެލޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 
އޭގެ ފަހުން، ޕޯޗުގަލް އިން ބަދަލުތަކެއް ގެނެސްގެން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ކުޅުނު ނަމަވެސް ގޯލެއް ނުޖެހުނެވެ. އަނެއްކޮޅުން، ކޮންގޯ އިން އެޓޭކަށް ގޮސް ތަނަވަސްކުރި ފުރުސަތުތަކުގައި ބޭނުންހިފޭ ގޮތެއްނުވި އެވެ. 
މި ގްރޫޕްގައި ދެން ހިމެނެނީ ކޮލަމްބިއާ އާއި އުޒްބެކިސްތާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ