ވޯލްޑްކަޕް ވޯލްޑްކަޕް ކޮންގޯ ކައިރީ ރޮނާލްޑޯ ”ސުމެއް“، ޕޯޗުގަލް ފުއްދާލީ ޕޮއިންޓަކުން

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ކޭ“ގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާއި ޑީއާރް ކޮންގޯ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ޓެކްސަސްގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ވޯލްޑް ކަޕްގައި 52 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޑީއާރް ކޮންގޯ ފެނިގެންދިޔަ ފުރަތަމަ މެޗެވެ.
މެޗު ފެށިގެން ކުރީކޮޅު ޕޯޗުގަލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޖޮއާ ނެވޭސް ޖަހައިދިން ގޯލުން ޕޯޗުގަލް ކުރި ހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޑީއާރް ކޮންގޯގެ ޔޯއާން ވިސާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މެޗަކީ 41 އަހަރުގެ ތަރި ރޮނާލްޑޯ އޭނާގެ ހަވަނަ ވޯލްޑް ކަޕްގައި ކުޅުނު މެޗަކަށްވުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ޑީއާރް ކޮންގޯ އިން ވަނީ ވަރަށް ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައި، ޕޯޗުގަލްގެ ހަމަލާތައް ހުއްޓުވައި، މެޗުގެ ނަތީޖާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފައެވެ. މި ނަތީޖާއާއެކު، މުބާރާތުގެ ފެށުން ޑީއާރް ކޮންގޯ އަށް ވަރަށް އުފާވެރިކޮށް ދިޔަ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ދެކެއެވެ.
މެޗުގައި ރޮނާލްޑޯއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައި ނުވާ އިރު، އެންމެ މޮޅު މިޑްފީލްޑް ހިމެނޭ ޕޯޗުގަލަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ހާއްސަކޮށް ވިޓީނިއާ އާއި ބްރޫނޯ ފެނާންޑޭޒްގެ ކުޅުން ވެސް ފެނުނީ ދަށްކޮށެވެ.
މި ގްރޫޕުގައި ދެން ހިމެނޭ އުޒްބަކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ