ޕޯޗުގަލް އަތުން ހޯދި ރަން ޕޮއިންޓާއެކު ވޯލްޑް ކަޕުގައި ކޮންގޯއަށް ތާރީޚީ ފެށުމެއް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ވަރުގަދަ ޕޯޗުގަލްއާ އެއްވަރުކޮށް، ޑީއާރު ކޮންގޯއިން ވޯލްޑްކަޕުގެ ފުރަތަމަ ލަނޑާއި ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ 52 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، ކުރިން ޒާއިރާގެ ނަމުން މަޝްހޫރުވި ޑީއާރު ކޮންގޯއިން ވޯލްޑް ކަޕްގައި ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ކެޕްޝަން.. މީގެކުރިން 1974 ވަނަ އަހަރު އެގައުމުން ވޯލްޑް ކަޕްގައި ވާދަކުރިއިރު، ކުޅުނު ތިން މެޗުންވެސް ބަލިވީ 14 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް މިހާރު ދުނިޔޭގެ ރޭންކިންގެ 46 ވަނައިގައި އޮތް ކޮންގޯއިން ވަނީ އެއަށްވުރެ މާ ވަރުގަދަ ރޫހެއްގައި ނުކުމެ، ޕޯޗުގަލް ހައިރާންކޮށްލާފައެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ޔޮއާއޯ ނެވޭސް ބޮލުން ޖެހި ލަނޑާއެކު އެޓީމުން މެޗުގެ ކުރިހޯދިއެވެ. މިއީ ޕެޑްރޯ ނެޓޯ ނަގައިދިން ހިތްގައިމު ހުރަހަކުން ނެވޭސް ކާމިޔާބުކުރި ލަނޑެކެވެ. މުޅި މެޗުގައިވެސް ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ކޮންގޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ނިއުކާސަލްގެ ފޯވާޑް ޔޯއާން ވިސާ ވަނީ މާސުއާކޫ ނަގައިދިން ހުރަހަކުން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކެޕްޝަން.. ދެވަނަ ހާފުގައި މެޗު އިތުރަށް ހުޅުވިގެންދިޔައިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މިއީ އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ހޯދި މެޗެވެ. ނަމަވެސް، ބަދަލު ކުޅުންތެރިޔާ ފްރެންސިސްކޯ ކޮންސެއިސާއޯ ތަނަވަސްކޮށްދިން ދެ ފުރުސަތެއްގައި 41 އަހަރުގެ ރޮނާލްޑޯ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ޕޯޗުގަލްއަށް މުޅި މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ ނެވޭސް ޖެހި ލަނޑެވެ. އޭގެ ބަދަލުގައި ކޮންގޯއިން ދިޔައީ ކައުންޓަރ އެޓޭކުތަކުގައި ޕޯޗުގަލްއަށް ނުރައްކާކުރަމުންނެވެ. ޕޯޗުގަލްގެ ދެން އޮތް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 23 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 22:00 ގައި އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. އަނެއްކޮޅުން ކޮންގޯގެ ދެވަނަ މެޗު އޮންނާނީ ޖޫން 24 ވާ ބުދަ ދުވަހުގެ ދަންވަރު ރާއްޖޭގަޑިން 03:30 ގައި ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖު ނިންމާލުމަށް ކޮންގޯ ކުޅޭ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ބައްދަލުކުރާނީ އުޒްބެކިސްތާނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ