ކޮންގޯގެ މަޅީގައި ރޮނާލްޑޯ ބަނދެލައި؛ ޕޯޗުގަލް ހުއްޓުވައިފި

ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެއްވަރު ކޮށްފި އެވެ. 
ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 1-1 ން ހަމަހަމަވެގެންނެވެ. 
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅާ ފަހުކޮޅިގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނުނެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފަ އެވެ. މި ލަނޑަކީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ޔޮއާއޯ ނޭވޭސް ބޮލުން ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި އާތަރ މަސުއާކޫ ހުރަސްކޮށްދިން ބޯޅައަކުން ޔޮއާން ވިއްސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މި މެޗުގައި ޑީއާރު ކޮންގޯއިން ބޭނުންކުރި 5-3-2 ގެ ވަރުގަދަ ޑިފެންސިވް ފޯމޭޝަނެކެވެ.
މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުބީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެކަމަކު މެޗުގައި މާބޮޑު އޭނާއަކަށް ނުކުރެވުނެވެ. ކޮންގޯގެ ޓެކްޓިކަލް ރޭވުމުގެ ސަބަބުން ރޮނާލްޑޯ ހުރީ މުޅިން އެކަހެރިވެފަ އެވެ. ފުރަތަމަ ހާފުގައި އޭނާއަށް ބޯޅައިގައި ޖައްސާލެވުނީ އެންމެ 16 ފަހަރެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ދެވަނަ ހާފު ފެށުމުގެ ކުރިން ބެނާޑޯ ސިލްވާގެ ބަދަލުގައި ހަލުވި ކުޅުންތެރިޔާ ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އަރުވާފަ އެވެ. 
ދެވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗުގައި އޭނާގެ ފުރަތަމަ ހަމަލާ އުފައްދާފަ އެވެ.
ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ އަށް ޕެނަލްޓީ އޭރިއާ ތެރެއަށް ދުވެފައިގޮސް، ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ދަނޑިކައިރން ބޭރަށެވެ.  
މެޗުގެ 77 ވަނަ މިނެޓްގައި ޕޯޗުގަލް އަށް ލިބުނު ކޯނަރުގެ ބޭނުން ނުހިފުނެވެ. އެ ފުރުސަތުން ކޮންގޯ އަށް ފަހިވީ ނުރައްކާތެރި ކައުންޓަ އެޓޭކެއް އުފެއްދުމުގެ ފުރުސަތެވެ.
މި ހަމަލާގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ސެޑްރިކް ބަކަމްބޫ ބާރު މިނުގައި ކުރިއަށް އަރައި، ސަޑީކީއަށް ބޯޅަ ދިނެވެ. އަލުން ބަކަމްބޫ އަށް ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ