ފޯރިގަދަ މެޗަކުން ކްރޮއޭޝިއާ ބަލިކޮށް އިންްގްލެންޑުން މޮޅަކުން ފަށައިފި

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅުމަށް ފަހު ކްރޮއޭޝިއާ އަތުން 4-2 އިން ކުރިހޯދައި، އިންގްލެންޑުން މޮޅަކުން މުބާރާތް ފަށައިފި އެވެ. 
މިއީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބައްދަލުކުރި ފަހުން މި ދެ ޓީމުން ވޯލްޑް ކަޕްގެ މެޗެއްގައި ކުރިމަތިލި ފުރަތަމަ ފަހަރެވެ. 
މެޗު ފަށައިގެން 12 ވަނަ މިނިޓްގަައި ކޭން ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މިއީ، އިންގްލެންޑްގެ ނޯނީ މަޑުއޭކޭ އަށް ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ކުރި ފައުަލަކަށް ދިން ޕެނަލްޓީ އެކެވެ. ކޭން، ފުރަތަމަ ޖެހި ޕެނަލްޓީ ކްރޮއޭޝިއާެގެ ކީޕަރު، ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ޕެނަލްޓީ މަތަކުރަން ރޮނގަށް ވުރެން ކުރިއަށް ޖެހި ހުރުމުން އަލުން ޖަހަން ދިން ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލައިފަ އެވެ. 
ކްރޮއޭޝިއާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި މާޓިން ބަޓުރީނާ ޖެހި ހިތްގައިމު ގޯލުން އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ކްރޮއޭޝިއާގެ ޕީޓަ ސުޗިޗް ދިން ބޯޅަ ބަޓުރީނާ ވަނީ އިންގްލެންޑްގެ ކީޕަރު ޖޮޑަން ޕިކްފޯޑް އަތުގައި ޖައްސާފައި ގޯލު ޖަހައިފަ އެވެ. 
އިންގްލެންޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ 42 ވަނަ މިނިޓްގައި ކޯނަރަކުން ޑެކްލަން ރައިސް ނެގި ބޯޅައަކުން ކޭން ބޮލުންޖެހި ގޯލުންނެވެ. އެކަމަކު، މި ލަނޑާ އެކު ވެސް ލީޑުގައި އޮވެ އިންގްލެންޑަށް ނިންމައިނުލެވުނެވެ. އެއީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކްރޮއޭޝިއާ އިން ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމުންނެވެ. ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު ޖެހީ އެމެރިކާ ލީގުގެ ޑަލަސް އަށް ކުޅޭ ފޯވާޑް، ޕީޓާ މޫސާ އެވެ. 
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަަމަވެސް ދެ ވަނަ ހާފު ފެށިގެން ދޮޅު މިިނިޓް ތެރޭ އިންގްލެންޑުން އަނެއްކާ ވެސް ލީޑުނެގި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ބެލިންހަމް މި ލަނޑު ޖެހީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލުގެ ދުރު ކަަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ފަހުން، ކޭން އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ. 
އިންގްލެންޑް މޮޅުވި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އަރައި، 86 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެޝްފޯޑް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ