ވޯލްޑްކަޕް ވޯލްޑްކަޕް އެޓޭކިން ފެންވަރު ދައްކާލައި ކްރޮއޭޝީއާ އަތުން އިންގްލެންޑަށް މޮޅެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އެލް“ގައި އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި ފޯރިގަދަ މެޗު 4-2 ގެ ނަތީޖާއަކުން އިންގްލެންޑުން ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ޓެކްސަސްގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.
މި މެޗުގެ ފުރަތަމަ ގޯލު، ލިބުނު ޕެނަލްޓީއަކުން ޖަހައި އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. މެޗުގެ ކުރީކޮޅު ކޭން ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ސަލާމަތްކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ޕެނަލްޓީ އަލުން ޖެހުމަށް އަންގައިފައެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކޭން ވަނީ ގޯލު ކާމިޔާބުކޮށްފައެވެ.
ގިނައިރުތަކެއް ނުވަނީސް ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކުރީ މާޓިން ބަތުރީނާ ޖަހައިދިން ރީތި ގޯލަކުންނެވެ. ނަމަވެސް އޭގެ ފަހުން ކޭން އިތުރު ގޯލެއް ޖަހައި އިންގްލެންޑަށް އަލުން ލީޑު ހޯދައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެޓާ މޫސާ ކްރޮއޭޝިއާއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ވަރުގަދަ އެޓޭކުތަކާއެކު ކުޅެމުންދިޔަ އިންގްލެންޑުން ވަނީ ދެވަނަ ހާފު ފެށިތާ ދެވަނަ މިނެޓުގައި ޖޫޑް ބެލިންގްހަމް ޖެހި މޮޅު ގޯލަކުން އަނެއްކާވެސް ކުރި ހޯދައިފައެވެ. އަދި މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މާކަސް ރަޝްފޯޑް އިތުރު ގޯލެއް ޖަހައި، އިންގްލެންޑުގެ މޮޅު ޔަގީންކޮށްދިނެވެ.
މި ނަތީޖާއާއެކު އިންގްލެންޑުން ވަނީ ”ގްރޫޕް އެލް“ގައި މުހިންމު ތިން ޕޮއިންޓް ހޯދައި، ގްރޫޕްގެ އެންމެ ކުރީގައި އޮތުމުގެ އަމާޒު ހާސިލުކުރުމަށް މަސައްކަތް ފަށައިފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ގާނާ އާއި ޕެނަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ