ހުރިހާ ރައްޔިތުން ބިރު ފަހަނަ އަޅައި ދާން ޖެހޭ - އިންތި

މިހާރު އިދިކޮޅު ފަރާތް ތަކުން ކުރިއަށް ގެންދާ މުޒާހަރާގައި އެއްވެސް ރައްޔިތަކު ބިރު ގަންނާނެ ކަމެއް ނެތް ކަމަށާއި ހުރިހާ ރައްޔިތުން ބިރު ފަހަނައަޅައި ނިކުތުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އަށް ދާދި ދެންމެއަކު ދެއްވި އިންޓަވިއުއެއްގައެވެ. އިންތި ވިދާޅުވީ ރައްޔިތުން ގަންނަންޖެހޭ އެއްވެސް ބިރެއް ނެތް ކަމަށާއި މިރޭ ރައީސް ޔާމީން ހުއްޓުވުމަކީ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ, އަޅުގަނޑުމެން ގައުމަށްޓަކައި މިވަގުތު މި މަސައްކަތް ނުކޮށްފިނަމަ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ނުހޯދޭނެ, އެހެންވީމަ ހުރިހާ ބޭފުޅުން ބިރު ފަހަނައަޅައި ދާންވީ" އިންތި ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ބޯނެ "އެންމެ ބޮޑު ބޮނޑި ބޮއެފިކަމަށް" ވިދާޅުވެ އިންތި ވިދާޅުވީ މިއަދުވެސް ވޯޓަކަށް ވަޑައިގެންފިނަމަ ރައީސް ޔާމީން ސުން ޕަސެންޓުން ބަލި ވާނެ ކަމަށެވެ.
"ރައީސް ޔާމީން އަަށް ރައްޔިތުންގެ ތާއީދެއް ނެތް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރައްޔިތުންގެ ތާއީދެއް ނެތް , ލިބުނު އެއްޗެށްވެސް ލިބުނީ ރައީސް މައުމޫނުގެ ފަރާތުން ކުރި މައްސަކަތުން " އިންތި ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައިވެސް ސަރުކާރާއި ދެކޮޅު އެތަށް ސިފައިނާއި ފުލުހުން އެބަތިބި ކަމަށް ވިދާޅުވެ އިންތި ވަނީ އެބޭފުޅުންވެސް މިރޭ ދިވެހި ރައްޔިތުންނާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.
"ރައީސް ޔާމީން ކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ގޮވާލަން ,އަސްކަރިއްޔާ އާއި ދިވެހި ފުލުހުން ވެސް ރައީސް ޔާމީން ވެއްޓެމުންދާ އިރު އޭނާގެ ދިފާއު ނުކުރުމަށް ގޮވާލަން " އިންތި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ