އެކަކު ފިޔަވައި ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި

ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެއް ހާޖީއަކު ފިޔަވައި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ޝަހީމް މިއަދު ވިދާޅުވީ، އެހެން ހާޖީންނާ އެކު، އެއް ހާޖީއަކަށް އަރަފާތު ބިމަށް ނުދެވިވަނީ، އޭނާއަށް މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާއެއް ދެވެމުންދާތީ ކަމަށެވެ. އެކަމަކު އޭނާ ވެސް އަރަފާތަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވި އެވެ.
"ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެ ބޭފުޅާ އެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާ ކަމެއް ވެސް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ހުރިހާ ވަގުތެއް ހައްޖުވެރިން ހޭދަކުރާނީ އަރަފާތު ބިމުގަ އެވެ. ހައްޖު ދުވަސް ނިސްބަތްވަނީ އަރަފާތު ބިމުގައި ފުރިހަމަކުރާ އަޅުކަމަށެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭން މި އަހަރު ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި، ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ