ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅު ވާނެ- މެޓް

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ ( މެޓް) އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ދެކުނުން 1000 މީޓަރުގައި ހުރި ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި އެ ކޮޅިގަނޑުގެ ބާރު މިހާރު ދައްވެފައިވާ ކަމުގައި މެޓް އޮފީހުން ވިދާޅުވިއެވެ.
" ވަގުތަށް" މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވިއްސާރައާއި އުދައެރުމުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށެވެ.
"ވިއްސާރައާއި އުދައެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައި މިވަނީ ރާއްޖޭގެ ދެކުނުގެ ރަށްރަކަށް. ނަމަވެސް މީގެ ކުރިން ކޮންމެވެސް ވަރަކަށް ރާއްޖޭގެ އުތުރަށްވެސް ވިއްސާރަކޮށްފައިވޭ" މެޓްގެ އޮފިޝަލް ވިދާޅުވިއެވެ.
އަދި ކޮޅިގަނޑުގެ ސަބަބުން އުފެދިފައިވާ ބާނިތަށް ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި އުޅޭތީ އާންމުކޮށް އުދަ އަރާ ރަށްރަށަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މެޓް އިން ވިދާޅުވެއެވެ.
މިހާރު މޫސުން ހަމައަކަށް އެޅިފައިވާ ކަމަށާއި ރާއްޖޭގެ ދެކުނަށް ކޮންމެވެސް ވަރެއްގެ ކެރިކޮޅެއް އައުން އެކަށީގެންވާ ކަމަށްވެސް މެޓްއިން ވިދާޅުވިއެވެ. ނަމަވެސް އެއީ މޫސުމީ ކަމެއް ކަމަށާއި ދިގުލައިގެންދާނެ ފަދަ ވިއްސާރައެއް ރާއްޖޭގެ އެއްވެސް ހިސާބަކަށް ނުކުރާނެ ކަމުގައިވެސް މެޓް އިން ވިދާޅުވިއެވެ.
އެހެންކަމުން މިހާރުގެ މޫސުމަށް ބަލައި ކަނޑުދަތުރު ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށާާއި ވައިވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓްގެ އޮފިޝަލް ވިދާޅުވިއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ